03 Mar 2015, 14:58
ބެލްޖިއަމްގެ އޮސްޓެންޑް ސިޓީގެ ކަނޑާ ދިމާލުން 50 މިލިއަން ޔޫރޯ އަށް ވުރެ ގިނަ އަދަދަކަށް ފައިސާގެ އަގުކުރެވޭ ވަރު އެއް ޓަނުގެ ކޯކެއިން ޕެކެޓުތަކެއް ފެނިއްޖެ ކަމަށް ބެލްޖިއަމް ފުލުހުން ބުނެފި އެވެ.
އޮސްޓެންޑްގެ 20 ކިލޯ މީޓަރު ދުރުން ކަނޑުން ނަގާފައިވާ 15 ޕެކެޓު ކޯކެއިން ފެނިފައި ވަނީ އެ ސަރަހައްދުގައި މަހަށް ގޮސް އުޅުނު ބަޔަކަށް އެ ޕެކޭޖު ފެން މަތީ އޮއްވަ އެވެ.
ފުލުހުން ދެކޭ ގޮތުގައި މޫދުން ފެނުނު އެ ކޯކެއިން ޕެކެޓުތަކަކީ ދެކުނު އެމެރިކާ އިން އެތެރެކޮށްގެން ގެންނަން މަސައްކަތްކޮށްފައިވާ ޕެކެޓުތަކެއް ކަމަށާއި ވައިގެ މަގުން އެތެރެ ކުރި އެ އެއްޗެހި މޫދަށް ވައްޓާލާފައިވާ ކަމަށް އާރުޓީ އިން ވަނީ ބުނެފަ އެވެ. ބެލެވޭ ގޮތުގައި އެތަކެތި މޫދަށް ވައްޓާލުމުން ޑްރަގް ޓްރެފިކް ކުރާ މީހުން އައިސް އެތަކެތި ނަގާނެ ކަމަށް އާރުޓީ އިން ވަނީ ބުނެފަ އެވެ.
ބެލްޖިއަން މެޖިސްޓްރޭޓް ކެން ވިޓްޕަސް ވިދާޅުވީ ޕޯޓްސް އިން ޑްރަގްތައް ގައުމަށް އެތެރެ ކުރުމަށް މަސައްކަތް ކުރަން އެމީހުންނަށް އުނދަގޫ ވުމާ ގުޅިގެން ޑްރަގް އެތެރެ ކުރުމަށް ޓްރެފިކަރުން އަންނަނީ އައު ގޮތްތައް ހޯދަމުން ކަމަށެވެ. އެގޮތުން ވައިގެ މަގުން ގެނައުމަށް ފަހު މޫދަށް އެއް ވައްޓާލުމަށް ފަހު ހޯދުމަކީ މިހާރު އާންމުވަމުން އަންނަ ގޮތެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ފުލުހުންނަށް އެއްޓަނުގެ ކޯކެއިން ފެނުނު ހިސާބުން ވަނީ މީގެ ކުރިން ދެ ފަހަރަކު ވެސް ބޮޑު އަދަދަކަށް ޑްރަގްސް ފެނިފަ އެވެ. އެގޮތުން ޑިސެމްބަރުގައި 1.2 ޓަނުގެ ކޯކެއިން ފެނިފައިވާ އިރު ޖެނުއަރީގައި ވަނީ 800 ކިލޯގެ ކޯކެއިން ފެނިފަ އެވެ.