ކަނޑުގެ އެންމެ އަޑި ނުވަތަ ޑީޕްސީގެ ނަމުން މަޝްހޫރުވެފައިވާ ހިސާބުގައި އުޅޭ މިޔަރުގެ ބާވަތެއް ކަމަށްވާ "ގޮބްލިން ޝާކް"އެއް އޮސްޓްރޭލިއާގެ މަސްވެރިއަކަށް ފެނިއްޖެ އެވެ.

އޮސްޓްރޭލިއާގެ ނޫސްތަކާ ހަވާލާދީ އެންޑީޓީވީން ބުނީ "ކަނޑު އަޑީގެ އޭލިއަން"ގެ ނަމުން ސައިންސްވެރިންގެ މެދުގައި މަގުބޫލުވެފައިވާ އެ މިޔަރު މިހާރު ވަނީ އޮސްޓްރޭލިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް، ސިޑްނީގައި ހުންނަ މިއުޒިއަމްއަކަށް އިތުރު ތަހުލީލުތައް ކުރުމަށް ގެންގޮސްފައިވާ ކަމަށެވެ.

މަދުން ނޫނީ ނުފެންނަ އެ މިޔަރަކީ ދިގު ތުންގަނޑެއް ލާފައި ހުންނަ މިޔަރެކެވެ. އެހެން މިޔަރުގެ ބާވަތްތަކާ ހިލާފަށް އޭގައި ހުންނަނީ ތަފާތު ދަތްތަކެކެވެ. މުޅި މިޔަރުގެ ހަށިގަނޑު ގަދަ ފިޔާތޮށި ކުލައެއްގައި ހުންނަ އިރު، ބިމުގައި ހިނގާ އުޅެވޭގޮތަށް ހަތަރު ފިޔަގަނޑު ހުރެ އެވެ. އެ ހަތަރު ފިޔަގަނޑަކީ ގޮބްލިން ޝާކް ފައިގެ ގޮތުގައި ބޭނުންކުރާ ފިޔަގަނޑެވެ. ކާނާގެ ގޮތުގައި އެ މިޔަރު ކައި އުޅެނީ ކަނޑުއަޑީގެ ބިންގަޑުގައި އުޅޭ ތަފާތު ބާވަތްތަކެވެ.

"އެއީ ވަރަށް ރީތި މިޔަރެއް. ބަލާލަން ބިރުވެރި. އެހެންނަމަވެސް އެއީ އޭގެ ސަބަބުން ގެއްލުމެއް ލިބޭ ފަދަ ނުރައްކާތެރި ވައްތަރެއް ނޫން. އެއްގޮތަކަށް ވެސް ނުރައްކާތެރި ވައްތަރެއް ނޫން،" ތޫނު ނިޔަފަތިތަކެއް ނުވަތަ ކަނޑިތަކެއް ގޮތަށް ގޮބްލިން ޝާކްގެ ނިޔަފަތިތައް ސިފަކުރާ، ސިޑްނީގެ މިއުޒިއަމް އަށް ގެންނަ މަހުގެ ކަންކަން ހަމަޖައްސާ މެނޭޖަރު މާކް އެމްސީގްރޯދާ ބުނެފައިވެ އެވެ.

މިޔަރު ފެނިފައި ވަނީ އޮސްޓްރޭލިއާގެ އީޑެން ނަމަކަށް ކިޔާ ސަރަހައްދެއްގެ ކަނޑުގެ 200 މީޓަރު އަޑިންނެވެ. ސިޑްނީގެ މިއުޒިއަމްގެ ފިޝް ކަލެކްޝަން މެނޭޖަރު މާކް އެމްސީ ގްރޯދާ ބުނީ މިޔަރު ފެނުމުން އެ މިޔަރު ފެނުނު މަސްވެރިޔާ އޭގައި އަތްލާން "ތުރުތުރު އެޅި" ކަމަށެވެ.

"ގޮބްލިން ޝާކަކީ އޭގެ ޒާތުގައި ދިރިއުޅުމަށް އެހާ އެނާޖީ ބޭނުންވާނެ އެއްޗެއް ނޫން. އެއީ އާންމުކޮށް ފީނާއުޅޭ އެއްޗަކަށް ނުވާތީ. އޭގެ ދަށުގައި ހުންނަ ހަތަރު ފައި ފަދަ ފިޔަގަނޑު ބޭނުންކޮށްގެން ވެލިގަނޑުގައި ހިނގާނެ. އެވަގުތު ކަކުންޏެއް ފަދަ އެއްޗެއް ފެނިއްޖެ ނަމަ ކާލާނެ،" މާކް އެމްސީ ގްރޯދާ ބުންޏެވެ.

އިތުރު ތަހުލީލުތައް ކުރުމަށް އެ މިޔަރު މިހާރު ސިޑްނީގެ މިއުޒިއަމަކަށް ގެންގޮސްފައިވާ އިރު އެއީ 1980 ގެ އަހަރުތަކުގެ ފަހުން ދުނިޔޭގެ މިއުޒިއަމް އަކަށް ގެންދަން ލިބުނު ހަތަރު ވަނަ ގޮބްލިން ޝާކެވެ. އެންމެ ފަހުން ގޮބްލިން ޝާކެއް ފެނިފައި ވަނީ 2000 ވަނަ އަހަރު އެވެ.