ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެ ވަނަ ޖަލްސާ ފެށިގެން ކުރިއަށް ދަނިކޮށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ޕާލިމަންޓު މެމްބަރުން ޖަލްސާ އަށް ހުރަސް އެޅުމުން އެ ޖަލްސާ މިއަދު އިތުރަށް ކުރިއަށް ނުގެންދާ ގޮތަށް ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލާފައިވާ ކަމަށާއި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށެވެ.

މިއަދުގެ ޖަލްސާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ފެއްޓެވި އިރު އެއްވެެސް މެމްބަރެއް އަޑުގަދަކޮށްފައެއް ނުވެ އެވެ. ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ރިޔާސަތުން އިއްވަވަމުން ދަނިކޮށް އެމްޑީޕީގެ މެމްބަރުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި މަޖިލީސްތެރޭގައި އަޑުގަދަކުރައްވާފައެވެ.

އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މަޖިލީހުގެ އަމީން އާންމުގެ މޭޒު ކައިރީގައި އިންނަވައިގެން ރައީސް ނަޝީދު ދޫކޮށްލެއްވުމަށް ގޮވާލައްވައި އަޑުގަދަކުރައްވާފައެވެ. އަދި ހަމަ އެއާ އެކު މަޖިލީހުގެ ރިޔާސަތުގެ މޭޒު ކައިރިއަށް ގޮސް ވެސް އީވާ ވަނީ ނަޝީދު ދޫކޮށްލެއްވުމަށް ގޮވާލައްވައި އަޑުގަދަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދިޔައިރު އެމްޑީޕީގެ މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން ސަރުކާރު ހިންގާ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން، ރައީސް ނަޝީދު ހައްޔަރު ކުރުމަށް ގޮވާލައްވައި އަޑުގަދަކުރައްވަން ފެއްޓެވިއެވެ.

މިއަދުގެ ޖަލްސާއަށް އެމްޑީޕީ މެމްބަރުން ހުރަސް އެޅުއްވި އިރު މި އަހަރުގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްވި ރިޔާސީ ބަޔާނަށް ވެސް އިއްޔެ އެމްޑީޕީ މެމްބަރުންނާއި ޖޭޕީ މެމްބަރުން ވަނީ ހުރަސް އަޅުއްވައިފައެވެ.

އެހެންނަމަވެސް ރައީސް ޔާމީން ވަނީ މެމްބަރުންގެ އަޑުގަދަކުރެއްވުމަށް ބެއްލެވުމެއްނެތި ރިޔާސީ ބަޔާން އިއްވަވައި ނިންމަވައިފައެވެ.