ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އެމްއެންޑީއެފް ގެ ސެކިއުރިޓީ އަށް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އެޑްރެސް ކުރައްވާ މަހުލޫފު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ ޕީޕީއެމުން ވަކިވެވަޑައިގެން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރަށް ފާޑުކިޔުއްވަން ފެއްޓެވުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ގިނަ ފަރާތްތަކަކުން މަހުލޫފަށް އިންޒާރުދީ ބިރުދައްކަމުން ދާ ކަމަށެވެ. ''އެގޮތުން " މަގުމަތިންނާއި އެކި ތަންތަނުން ދިމާކޮށް ޖިސްމާނީ ގެއްލުންދޭނެ ކަމުގެ އިންޒާރު" ދެމުންދެމުންދާ ކަމަށް އެ ސިޓީގައިވެ އެވެ.

"ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ސަލާމަތީ ހިދުމަތްތަކުން ސެކިއުރިޓީ އަޅުގަނޑަށް މިހިނދުން މިހިދަށް ހަމަޖައްސައިދެއްވުން އެދެމެވެ." މަޖިލީހުގެ ރައީސަށް މަހުލޫފު ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

މަހުލޫފަށް ސެކިއުރިޓީ ނުލިބިވަނިކޮށް އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ އެކަމުގެ ޒިންމާ މަޖިލީހުގެ ރައީސް އަދި ސަލާމަތީ ހިދުމަތްތަކުން ނަގަންޖެހޭނެ ކަމަށް ވެސް އެސިޓީގައި ބުނެފައިވެ އެވެ.

މަހުލޫފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވެސް ވަނީ މަޖިލީހުގެ ސެިއުރިޓީ އަށް އެދިވަޑައިގެންފަ އެވެ. އެހެންނަމަވެސް އަދި ސެކިއުރިޓީ ހަމަޖެހިފައެއް ނުވެ އެވެ.