އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށް ޝައިހް އިމްރާން ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު 1:15 ފެށިގެން ރައީސް އޮފީހުގައި އެ ދެ ބޭފުޅުން ބޭއްވި ބައްދަލުވުން ނިންމާލެއްވުމަށް ފަހު 3:10 އެހާކަންހާއިރު ރައީސް އޮފީހުން ނުކުމެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝެއިހް އިމްރާން ވިދާޅުވީ މިއަދު ރައީސް ޔާމީނާ ބައްދަލު ކުރެއްވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންތައްތަކާ މެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަންކަމާ މެދު މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.

އެ ބައްދަލުވުމަކީ އަދާލަތު ޕާޓީގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމެއްކަމަށް އޭނާ ވިދާޅުވި އެވެ.

"ދޮޅު ގަޑިއިރެއްހާއިރުގެ މީޓިންއަކަށް ފަހު މިނުކުތީ އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކޮށްފައި. އަދި އެކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ގޮތް ވެސް އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވުމަށް ފަހުގައި،" އިމްރާން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓިގައި މަޝްވަރާ ކުރުމަށް ފަހު އެ މަޝްވަރާތަކާ ދޭތެރޭ ދެކޭ ގޮތް ހާމަ ކުރައްވާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއްވި އެވެ.

މިސަރުކާރު ގެނައުމަށް ކޯލިޝަންގެ ތެރެއިން މަސައްކަތް ކުރައްވާފައިވާ އިމްރާން ފަހަކަށް އައިސް ގެންދަވަނީ ސަރުކާރުގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރު ކުރި މައްސަލާގައި އިމްރާނު ވަނީ ނުސީދާ ގޮތަކަށް ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

ސިޔާސީ ގޮތުން ހަލަ ބޮލި ދުވަސްވަރެއްގައި އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އިރު ސަރުކާރާ އިދިކޮޅު ފަރާތްތަކުން "ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތައް އިތުރު ޕާޓީތައް ބައިވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ދާދިފަހުން ބުނެފަ އެވެ.