ވެނެޒުއޭލާގައި ތިބޭ އެމެރިކާގެ ޑިޕްލޮމެޓިކް ސްޓާފުންގެ އަދަދު 17 އަށް މަދު ކުރުމަށް އެގައުމުން 15 ދުވަހުގެ މުހުލަތެއް ދީފި އެވެ.

ވެނެޒުއޭލާގައި ހުރި އެމެރިކާގެ އެންމެ އިސް ޑިޕްލޮމޭޓާ އެކު ބޭއްވެވި ތިން ގަޑިއިރުގެ ބައްދަލުވުމަކަށް ފަހު ވެނެޒުއޭލާގެ ފޮރިން މިނިސްޓަރު ޑެލްސީ ރޮޑްރިގޭޒް އިއްޔެ ވިދާޅުވެފައި ވަނީ އެގައުމުގައި ތިއްބަވާނީ ކޮން 17 ބޭފުޅުންނެއްކަން އެމެރިކާ އިން 15 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށެވެ.

"...ޔޫއެސް ސަރުކާރުން އަހަރެމެންގެ ބިމުގައި ބައިތިއްބަން ވާނީ 17 ޑިޕްލޮމޭޓުން. އަހަރެމެން ވާނީ މިތާ ނުގޮސް ތިއްބަވާނެ ބޭފުޅުންގެ ލިސްޓެއް 15 ދުވަސްތެރޭގައި ހުށަހެޅުމަށް އަންގާފައި،" ރޮޑްރިގޭޒް ވިދާޅުވެފައިވެ އެވެ.

ވެނެޒުއޭލާ ސަރުކާރުގެ އިސް އިސްބޭފުޅުންނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުން އެކަމަށް ބަދަލު ހިއްޕެވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވަނީ ގިނަ ނިންމެވުންތަކެއް ނިންމަވާފަ އެވެ. އެމެރިކާ ރައްޔިތުން ވެނެޒުއޭލާ އަށް ދަތުރުކުރާ ނަމަ ޓުއަރިސްޓް ވިސާ ހޯދަން ޖެހޭ ގޮތަށް ހަމަޖެއްސެވުމަކީ އެފަދަ ކަމަކެވެ.

ދެގައުމުގެ ގުޅުން ފަހަކަށް އައިސް ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު މަދޫރޯ ވަނީ އޭނާގެ ގައުމުގައި ބަޣާވާތެއް ކުރުމަށް އެމެރިކާ އިން ރޭވި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެމެރިކާގެ އިސްތިއުމާރާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ތެދުވުމަށް އޭނާ ވަނީ ގޮވައިލައްވާފަ އެވެ. (ޒިންހުއާ)