އިޓަލީގެ ސެރިއޭ ލީގު ތާވަލްގެ އެންމެ ކުރީގައި އުޅޭ ޔުވެންޓަސް އާއި ދެވަނައިގައި އޮތް ރޯމާ ރޭ ބައްދަލުކުރި މެޗުގައި، ދެވަނަ ހާފްގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ރޯމާ، ފަހަތުން އަރައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފި އެވެ.

ގިނަ ރީނދޫ ކާޑުތަކެއް ފެނިގެން ދިޔަ އެ މެޗުގެ 62 ވަނަ މިނެޓުގައި، ރޯމާގެ ޑިފެންޑަރު ވެސިލިސް ޓޮރޮސައިޑިސް ޔުވެންޓަސްގެ މިޑްފީލްޑަރު ވިޑާލް އަށް ކުރި ފައުލަކާ ގުޅިގެން، އޭނާއަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

އެ ފައުލާއެކު ލިބުނު ހިލޭ ޖެހުމުން ކާމިޔާބު ކުރި ރީތި ލަނޑާއެކު، ޔުވެންޓަސްގެ ކާލޮސް ޓެވޭޒް ވަނީ އެ ޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ. ޔުވެންޓަސްއަށް ލިބުނު ލީޑާއެކު ރޯމާ ފަހަތަށް ޖައްސާލިއިރު، އެ ވަގުތުކޮޅުގެ ތެރޭގައި ޔުވެންޓަސް ވަނީ ރޯމާގެ ޑިފެންސަށް ގިނަ ޕްރެޝަރުތަކެއް ކުރިމަތި ކުރުވާފައެވެ.

އެއް ލަނޑުގެ ލީޑަކާ ދެކޮޅަށް މަސައްކަތް ކުރަމުން ދިޔަ ރޯމާ ވަނީ ހިތްވަރު އެލުވާނުލައި، ރަނގަޅު ކައުންޓާތަކެއް އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. އަދި މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބުނު އިރު، ރޯމާއަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ މެނޮލާސް ބޮލުން ކުރިއަށް ފޮނުވާލި ބޯޅަ ދިފާއު ކުރީ ޔުވެންޓަސްގެ ކީޕަރު ބަފޯން އެވެ.

ދެވަނަ ހާފްގެ ފަހުކޮޅު ޔުވެންޓަސް ފަހަތަށް ޖެހިލަގެއިން ކުޅެން ފެށުމުން، ރޯމާ ވަނީ ބޮޑަށް އެޓޭކަށް އިސްކަން ދީފައެވެ. އަދި އެ ޓީމަށްވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ލިބުނު ހިލޭ ޖެހުމަކުންނެވެ. މެޗުގެ 77 ވަނަ މިނެޓުގައި އެލަސަންޑްރޯ ނަގައިދިން ހިލޭޖެހުން ބޮލުން ޖަހާ ޔުވެންޓަސްގެ ގޯލުގެ ތެރެއަށް ފޮނުވާލައިން، އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ރޯމާގެ ސެޑިއޫ ކިއޭޓާ އެވެ.

ރޯމާގެ ލަނޑާއެކު ޔުވެންޓަސްގެ ގިނަ ކުޅުންތެރިންތަކެއް ކުރިއަށް ޖެހިލާ އެޓޭކްގައި ބައިވެރި ވުމުން، ރޯމާއަށް މެޗުގެ ފަހު ވަގުތުކޮޅުވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ދެ ޓީމުން ކުރެ އެއް ޓޯމަށްވެސް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގޭމް ކޮންޓްރޯލް ކުރަމުން ދިޔައީ ރޯމާ އެވެ. ނަމަވެސް ކައުންޓާގައި ޔުވެންޓަސް އެ ޓީމްގެ ހުށިޔާރުކަން ލިބުނު ދެ ތިން ފުރުސަތަކުން ދައްކާލި އިރު، އެ ހާފްގައި ދެ ޓީމަށްވެސް އެހާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.