03 Mar 2015, 13:02
ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ގެންދާ ދެ ޖިންސްގެ ކުދިން، އެކުދިންގެ އުމުރުން 18 އަހަރު ފުރެންދެން އެ މަރުކަޒުން ބަލަހައްޓަމުން ގެންދިއުމާ ގުޅޭ ގޮތުން ގޮތެއް ނިންމައި ދިނުމަށް އެދި ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި ސިޓީ ފުޅު މަޖިލީހަށް އިއްވުމަށް ފަހު ނިންމާފައި ވަނީ އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ފޮނުވުމަށެވެ.
ރައީސް އޮފީހުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 132 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ލޯއެންޑް ޖެންޑާގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ފިރިހެން ކުދިންނާއި އަންހެން ކުދިން، އެކުދިންގެ އުމުރުން 18 އަހަރު ފުރެންދެން އެ މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓާ ގޮތަށް އެމިނިސްޓްރީގެ މަސައްކަތްތައް ބަދަލު ގެނައުމަށް މަޖިލީހުން ގޮތެއް ނިންމުމަށް އެދޭ ކަމަށެވެ.
ރައީސް އޮފީހުން އެ މައްސަލަ މަޖިލީހަށް ފޮނުވީ ކުރިން ޖެންޑާ އެންޑް ފެމެލީ މިނިސްޓްރީގެ ދަށުން ހިންގަމުން އައި ކުޑަކުދިންގެ ހިޔާ، ފަހުން އުފެއްދި ލޯ އެންޑް ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ބަދަލުކުރުމުންނެވެ.
ސަރުކާރުން 2004 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވިލިމާލޭގައި ކުޑަކުދިންގެ ހިޔާ ހުޅުވި އިރު އޭރު އެތަނުގައ ތިބީ 40 ކުދިން ނެވެ. ނަމަވެސް މިހާރު އެތަނުގައި 41 އަންހެން ކުދިންނާއި 31 ފިރިހެން ކުދިންނާ އެކު ޖުމްލަ 72 ކުދިން އެބަ ތިބި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ސަރުކާރުން ފުރަތަމަ ނިންމާފައި ވަނީ ނުވަ އަހަރު ވަންދެން ކުޑަ ކުދިންގެ ހިޔާގައި ކުދިން ބެލެހެއްޓުމަށެވެ. ނަމަވެސް އެ އުމުރު ފަހުން ވަނީ 18 އަހަރަށް ބަދަލުކޮށްފަ އެވެ.