އިންޖީނު ހަލާކުވުމުގެ ސަބަބުން ފަސް މަހަށް ވުރެ ގިނަ ދުވަސްވަންދެން އެފްރިކާގައި ތާށިވެފައި އޮތް މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް [އެމްއެންއެސްއެލް]ގެ ބޯޓް އިންޖީނު މަރާމާތުކޮށް، އެ ބޯޓު ވިއްކާލުމަށް އިންޑިއާ އަށް ދަތުރު ފަށައިފި އެވެ.

އެފްރިކާ އާއި ޔޫރަޕަށް ދަތުރު ކުރާ "އެމްވީ މޯލްޑިވްސް އެންޓާޕްރައިޒް" ބޯޓްގެ އިންޖީނު ހަލާކުވެ، މިދިޔަ އަހަރުގެ ސެޕްޓެންބަރުން ފެށިގެން އެފްރިކާގެ އިކިއުޓޯރިއަލް ގިނީގެ ބާޓާގެ، ބަނދަރުގައި ތާށިވެފައި އޮތުމަށް ފަހު ބޯޓުގެ އިންޖީނު މަރާމާތުކޮށް ދަތުރަށް އަލުން ނުކުތުމާ ގުޅިގެން އެމްއެންއެސްއެލްގެ ޖެނަރަލް މެނޭޖަރު ހަސަން މަނިކު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ވިއްކާލުމަށް ނިންމާފައިވާ އެ ބޯޓް މި މަހުގެ ފަހުކޮޅުގައި އިންޑިއާ އަށް ދާނެ ކަމަށެވެ. އަދި އިންޑިއާ އަށް ދިއުމުގެ މަގުމަތީގައި ސައުތު އެފްރިކާގެ ކޭޕްޓަނުންގައި މަޑުކޮށް ބޯޓަށް ތެޔޮ އަޅައިގެން އަނެއްކާ ވެސް ދަތުރު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެފްރިކާގެ ބާޓާގެ ބަނދަރުގައި ފަސް މަސް ދުވަހަށް ވުރެ ގިނަ ދުވަހު، "އެމްވީ މޯލްޑިވްސް އެންޓާޕްރައިޒް" ބާވާފައި އޮތުމުން އެ ބޯޓް ފުރުވާލުމަށް 4.6 މިލިއަން ރުފިޔާ އެމްއެންއެސްއެލްއިން ހަރަދު ކުރަންޖެހުނު ކަމަށްވެ އެވެ. އެކަމާ ބެހޭ ގޮތުން ހަސަން މަނިކު ވިދާޅުވީ ބޯޓް ބަނދަރުގައި ބާއްވަން ޖެހުމުން ދައްކަން ޖެހޭ ހުރިހައި ފީއެއް ދައްކާފައިވާ ކަމަށެވެ. އަދި ބޯޓް ބަނދަރުން ފުރިނަމަވެސް، ކުންފުންޏަށް އަދިވެސް އިތުރު ބިލްތަކެއް އަންނާނެ ކަމަށާއި އެ ބިލްތަކަށް ފައިސާ ވެސް ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަނދަރުގައި ބޯޓް ބާއްވަން ޖެހުމުން ދަންކަން ޖެހޭ ހުރިހައި ފީއެއްގެ ކަންތައް މިހާރު ވަނީ އެއްކޮށް ނިމިފައި. އަދި ބޯޓް ބަނދަރުން ފުރާފަހުން ލިބޭ މަދު ބިލްތަކަކަށް ވެސް އަޅުގަނޑުމެން ފައިސާދައްކާނަން."

އެފްރިގާގެ ބާޓާ ބަނދަރުގައި އެ ބޯޓް އޮތް އިރު، ބާޓާގައި ފެތުރެމުންދިޔަ މެލޭރިޔާގެ އަސަރު ބޯޓްގެ 19 ފަޅުވެރިންނަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކޮށްފައިވެ އެވެ. އަދި ތިން ފަޅުވެރިއެއްގެ ހާލު ގޯސްވުމުން ބާޓަގެ ހޮސްޕިޓަލުން އެ ފަޅުވެރިންނަށް ފަރުވާ ވެސް ދީފައިވެ އެވެ. އަދި ފަސް ފަޅުވެރިންގެ އެދުމުގެ މަތިން އެ މީހުން މިދިޔަ އަހަރު ވަނީ ރާއްޖެ ގެނެސްފަ އެވެ.

ތިރީސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ "އެމްވީ މޯލްޑިވްސް އެންޓާޕްރައިޒް" އިންޑިއާއަށް ގެންގޮސް ވިއްކާލަން ނިންމާފައި ވަނީ 2.6 މިލިއަން ޑޮލަރަށެވެ.

ހަސަން މަނިކު ވިދާޅުވީ ބޯޓް ވިއްކާލުމުގެ ވާހަކަތައް ބަޔަކާ ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.