03 Mar 2015, 12:58
ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ކުޑަ ވުމުގެ ސަބަބުން ފާސްކޮށްފައިވާ ގާނޫނުތައް ތަންފީޒު ކުރުމުގައި ބައެއް ފަހަރު މަދުން ނަމަވެސް ހުއްޓުން އަރާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގައި ދިމާވެފައިވާ ގޮންޖެހުން ދެނެގަތުމަށް ޓަކައި ހޯމް މިނިސްޓްރީ އިން ބޭއްވި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި އުމަރު ނަސީރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގާނޫނުތައް ހަދާފައިވި ނަމަވެސް އެކި ކަހަލަ ކަންތަކާ ގުޅިގެން އެ ގާނޫނު ތަންފީޒު ނުކުރެވިވާ އިރު އެކަމާ ބެހޭ ގޮތުން ސަބަބުތައް ހޯދައި އެ ފަރާތްތައް ހޭލުންތެރި ކުރަން ޖެހޭނެ ކަމަށެވެ.
"ގާނޫނުތައް ހެދޭ. ގަވާއިދުތައް ވެސް ހެދޭ. އެކަމު އެ ތަންފީޒު ކުރުމުގައި، ތަންފީޒު ކުރާ އިދާރާތަކުން އެއް އިދާރާއެއް އަނެއް އިދާރާއެއްގެ މެދުގައި ބައެއް ފަހަރު ގުޅުން ކުޑަވެގެން އަނެއް ބައިފަހަރު މައުލޫމާތު ނެތިގެން އެ ފާސްކުރެވޭ ގާނޫނުތައް ތަންފީޒު ކުރުމުގައި ހުއްޓުން އަރާ ކަހަލަ ގޮތް ވަނީ. އެހެންވީމާ އެއީ ކޮން ކޮން ގާނޫނެއްތޯ ބަލާފައި މުއައްސަސާތަކުގެ މެދުގައި ހޭލުންތެރި ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެފަދަ ގާނޫނުތައް ދެނެގަނެ މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް އެކި ގޮތްގޮތުން ވޯކްޝޮޕް މި އަހަރު ތެރޭގައި ބާއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުގެ މުއައްސަސާތައް ހިމަނައިގެން އެއް ދުވަހަށް ކުރިއަށް ގެންދާ ވޯކްޝޮޕުގައި ބައިވެރިވެފައި ވަނީ ހޯމް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެންވަޔަމެންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ މިނިސްޓްރީ އޮފް ޖެންޑާ އެންޑް ލޯ އަދި މާލޭ ސިޓީ ކައުންސިލެވެ.