03 Mar 2015, 12:10
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުދައިތަ ޒުހެއިރާ އުމަރާއި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެނދުނު ބޭއްވި އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ދި ޓީވީ އާ އިންވެގެން ހުންނަ އަދި އުއްޗު އާންމުކޮށް ސިޔާސީ ބޭފުޅުންނާ މަޝްވަރާ ކުރައްވާ ގޭގަ އެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅުން ހުރި ބައްދަލުކުރެއްވުމެއް ކަން އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ. ނަމަވެސް ދި ޓީވީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ބައްދަލުވުމަކީ ނަޝީދާއި ޒުހައިރާއާ އެކު އުއްޗުއާ ބައްދަލު ކުރުމަށް ހަމަޖެއްސި ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުން ބޭއްވުމަށް ކުރިން އިންތިޒާމުކޮށްފައި އޮތީވެސް ނަޝީދު ހައްޔަރު ކުރި ދުވަހުގެ ރޭ ކަމަށެވެ. ނަމަވެސް ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން އެ ބައްދަލުވުން ނުބޭއްވި އޮތީ ކަމަށެވެ.
އުއްޗުގެ އޮފީހުގައި ޒުހައިރާ އުއްޗުއާ ބައްދަލު ކުރުމަށް ފަހު، ފަހުން ވަނީ އުއްޗު ކެނެރީގެއަށް ވެސް މިއަދު ވަޑައިގެންފަ އެވެ.
ޒުހެއިރާއަކީ ރައީސް ނަޝީދުގެ ބައްޕާފުޅުގެ އެއްބަނޑުއެއްބަފާ މީހެކެވެ. އަދި އޭނާ އަކީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ މަންމަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު މިހާރު ވަނީ ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ކޯޓުން ހުއްދަދީފަ އެވެ.
އުއްޗު ވަނީ ރޭގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބު ކުއްލި ގޮތަކަށް ބައްދަލު ކުރައްވާފަ އެވެ. އެބައްދަލުކުރުމުގައި މަޝްވަރާ ކުރެއްވި އެންމެ ބޮޑު އެއް ކަންތައް ކަމަށްވާ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ހުށަހެޅި އިސްލާހު މިއަދު ވަނީ އަނބުރާ ގެންގޮސްފަ އެވެ. ބެލެވޭ ގޮތުން އެކަން އެގޮތަށް ބަދަލުކުރުމަށް ހުށައެޅީ ގާސިމް އިބްރާހިމެވެ.