ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ޝޯ، 'އައިޓީބީ' ފެއާ މާދަމާ ފަށާނެ އެވެ. މި ފެއާގައި ރާއްޖޭގެ 75 ކުންފުންޏަކުން 194 ބޭފުޅުން ބައިވެރިވަޑައިގެންނަވަ އެވެ.

އައިޓީބީގައި ރާއްޖޭގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނަވާނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނެގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.

މި ފަހަރު އައިޓީބީ ފެއާގައި ރާއްޖޭން ބައިވެރިވާ އިރު ރާއްޖޭގެ ސްޓޭންޑަށް ވަނީ އެހެން އަހަރުތަކުގައި ސްޓޭންޑް ހުންނަގޮތާ ތަފާތުކޮށް، ބަލުތަކެއް ގެނެސްފައެވެ. ސްޕެއިން ކުންފުންޏަކުން ތައްޔާރުކޮށްފައިވާ މި ފަހަރުގެ ސްޓޭންޑް ވެގެންދާނީ ޒަމާނީގޮތަކަށް ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ސްޓޭންޑަކަށް ކަމަށް އެމްއެމްއާރުޕީސީން މައުލޫމާތުދެއެވެ.

މި ސްޓޭންޑްގައި ރާއްޖޭގެ ސަގާފީ ހަރަކާތްތައް ދައްކުވައިދިނުމުގެ އިތުރުން ރާއްޖޭގެ އަތްތެރި މަސައްކަތްތައް ދައްކާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި ރާއްޖޭގެ ކެއްކުންތެރިކަމާއި ދިވެހި ހެދިކާގެ ރަހަ ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް އެ ސްޓޭންޑުން ލިބޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެހެން އަހަރުތަކަކޭ ވެސް އެއްގޮތަށް މިފަހަރުވެސް މޯލްޑިވިއަން ނައިޓާއި ރާއްޖޭން ބާއްވާ ޚާއްސަ ޕްރެސްކޮންފަރެންސެއް އޮންނާނެ އެވެ. މޯލްޑިވިއަން ނައިޓްގައި މިއުޒިކާއި ނެށުމުގެ ހަރަކާތްތައް ކުރިޔަށްދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އައިޓީބީ ފެއާގެ އިނާމްތައް ވެސް މިފަހަރު ސްޕޮންސާކޮށްފައި ވަނީ ރާއްޖޭންނެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުރިޔަށްދާ މި ފެއާ އޮންނާނީ މާދާމައިން ފެށިގެން މާޗް އަށެއްގެ ނިޔަލަށެވެ.