އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގެންދިޔަ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަނަށް މެލޭޝިޔާގެ ނެކްސް ބިޒުން ދިން 66 ލެޕްޓޮޕް ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ނެކްސް ބިޒާ ހަވާލުކޮށްފި އެވެ.

ރާއްޖޭގައި އިމިގްރޭޝަން ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށް ޓަކައި ނެކްސް ބިޒާ ހަވާލުކޮށްގެން ހިންގުނު ޕްރޮޖެކްޓުގައި ނެކްސްބިޒް އިން އިމިގްރޭޝަންގެ މުވައްޒަފުންނަށް ރިޝްވަތުގެ ގޮތުގައި ލެޕްޓޮފްތަކެއް ދީފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން އިމިގްރޭޝަންގެ ހެޑް އޮފީހާއި ހުޅުމާލޭ އެއާޕޯޓު އޮފީސް ބަލައި ފާސްކޮށް އޭސީސީގެ ބެލުމުގެ ދަށަށް 66 ލެޕްޓޮޕް ގެންގޮސްފައި ވަނީ 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.

ނަމަވެސް، އެ މައްސަލަ ބެލުމަށް ފަހު ސިވިލް ކޯޓުން ވަނީ އެ ލެޕްޓޮޕްތައް ހިފަހައްޓާފައި ވަނީ ފަނޑިޔާރެއްގެ ހުއްދަ ނެތި ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނާއި މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް ތަހުގީގުކުރާ ފަރާތުން ވަނުމުގެ ހުއްދަ ދިނުމުގައި ކޯޓުން އަމަލުކުރާ ގަވާއިދުގައިވާ ގޮތުން ތަކެތި ހިފެހެއްޓުމުގެ ބާރު އޭސީސީ އަށް ލިބިގެންނުވާ ކަމަށް ބުނެ، 10 ދުވަހުގެ ތެރޭގައި އެ ލެޕްޓޮޕްތައް ނެކްސްބިޒާއި ހަވާލުކުރުމަށް ހުކުމް ކުރި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އޭސީސީ އިން އިއްޔެ ބުނީ، އެ ލެޕްޓޮޕްތައް މިދިޔަ މަހުގެ 26 ވަނަ ދުވަހު ނެކްސްބިޒާ ހަވާލުކޮށްފައިވާނެ ކަމަށެވެ.