03 Mar 2015, 11:50
ދިވެހި ރާއްޖޭގެ މައިގަނޑު ދެ ދާއިރާ ކަމުގައިވާ ޓޫރިޒަމާ އެކު މަސްވެރިކަން ވެސް ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބެންކް، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން މަހަކު އެއް ފަހަރު އާންމުކުރާ އިގްސާދީ ރިވިއުއިން ދައްކާ ގޮތުން ރާއްޖޭގެ އިގްތިސާދުގެ މައި ތަނބުކަމަށްވާ ޓޫރިޒަމް ދާއިރާ އަށް ބަލާއިރު ޖެނުއަރީ މަހުގެ ތެރޭގައި ޓޫރިސްޓުން އައިމިންވަރު ވަނީ އަށް ޕަސެންޓް ދަށަށް ގޮސްފަ އެވެ. ހަމައެހެންމެ މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު ވޭތުވެ ދިޔަ ޖެނުއަރީ މަހު ރާއްޖެ އިން މަސް އެކްސްޕޯޓް ކުރެވުނު މިންވަރު ވަނީ 18 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
އެމްއެމްއޭ އިން ބުނީ ރާއްޖެ އިން މަސް އެކްސްޕޯޓް ކުރެވުނު މިންވަރު ދަށަށް ގޮސްފައިވަނީ ގަނޑުކުރި ކަޅުބިލަމަހާއި ގަނޑުކުރި ކަންނެލި އެކްސްޕޯޓް ކުރެވުނު މިންވަރު ދަށަށް ދިއުން ކަމަށެވެ. އެގޮތުން ޖެނުއަރީ މަހު އަހަރުން އަހަރަށް މަސްއެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ވަނީ 14 ޕަސެންޓް ދަށަށް ގޮސް ފައިވާ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.
އެރިވިއުގައި ބުނާ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް 12 ޕަސެންޓް ދަށަށް ގޮސްފައިވާ އިރު މާލޭގެ އިންފުލޭޝަން ރޭޓް ވަނީ 1.4 ޕަސެންޓް މައްޗަށް ޖެހިލާފަ އެވެ.
އަހަރުން އަހަރަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓްގެ މިންވަރު 11 ޕަސެންޓް ދަށަށް ގޮސްފައިވާ އިރު އިމްޕޯޓް ވަނީ އެއް ޕަސެންޓް އިތުރުވެފަ އެވެ.