03 Mar 2015, 11:08
އޯޓިޒަމް ހުންނަ ފަލަސްތީނުގެ ކުޑަ ފިރިހެން ކުއްޖަކު ކީރިތި ގްރުއާން ކިޔަވައި، އެ ފޮތް އެއްކޮށް ހިތުދަސްކޮށްފި އެވެ.
އޯޓިޒަމް ކުދިންނަށް ރިހެބިލިޓޭޝަން ފަރުވާދޭ އަމިއްލަ ސެންޓަރެއްގައި ކިޔަވައިދެމުން އަންނަ ތައުލީމީ މާހިރެއް ކަމަށްވާ ނެދްވެ އަބްދުލާ އާއި ހަވާލާދީ ދީނީ ހަބަރާއި މައުލޫމާތު ގެނެސްދޭ އޮންއިސްލާމުގައި ބުނެފައި ވަނީ، އުމުރުން 10 އަހަރުގެ ކާލިދު އަބޫ މޫސާ ކީރިތި ޤްރުއާން ހިތުދަސްކޮށްފައި ވަނީ ޤުރުއާންގެ އާޔަތްތައް ކިޔައިދިނުމުން އަޑު އަހައިގެން ކަމަށެވެ.
ޤުރުއާން ހިތުދަސްކުރުމުގެ އިތުރުން، އަބޫ މޫސާ ވަނީ އެއްޗެހި ލިޔަން ކިޔަން ވެސް ދަސްކޮށްފަ އެވެ. އަދި އެ އެހެން ކުދިންނާ ވާހަކަދައްކާ ކުޅެ ވެސް ހަދަ އެވެ.
އޯޓިޒަމްއަކީ އިޖްތިމާއީ އަދި މުވާސަލާތީ ހުނަރުތައް ލިބުމުގައި ކުދީންނަށް ހުރަސްތައް ކުރިމަތިކުރުވާ ބައްޔެކެވެ. މި ބައްޔަކީ ގިނަ ފަހަރަށް ހަމަ މުޅި އުމުރަށް ވެސް ފަރުވާ ކުރަން ޖެހޭ ބައްޔެކެވެ. ކުއްޖާގެ އުމުރުން ތިން އަހަރުވުމުގެ ކުރީގައި މި ބަލި ޑައިގްނޯސް ކުރެވެ އެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި އެއްކަމެއް ތަކުރާރު ކުރުމާއި ބޯ ތެޅުވުން ފަދަ ކަންކަން ހިމެނެ އެވެ.