03 Mar 2015, 10:38
އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި އެވެ.
އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއީލް މިއަދު "ސަން" އަށް ވިދާޅުވީ އެ ބިލް ނެންގެވީ ސަރުކާރުގެ އިސް ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށެވެ. އަދި 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ހުށަހެޅި އިސްލާހަކީ ގާސިމް އިބްރާހިމްއާ ވެސް ގުޅުން ހުންނަ ބިލެއް ކަމަށާއި ގާސިމަކީ ހުދު އޭނާއާ ވެސް ވަރަށް ގާތް ބޭފުޅެއް ކަމަށް މުހައްމަދު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަކީ [އެމްޑީއޭ] އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއް. ދެން މި އިސްލާހު ނެގުމުގައި އަޅުގަނޑުމެންގެ ލީޑަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އިރުޝާދު ވެސް އަޅުގަނޑު ހޯދިން. މި އިސްލާހު ނެގުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ އިސްފަރާތްތަކުން އަޅުގަނޑަށް ގުޅުއްވާފައި އެ އިސްލާހު ނެގުމަށް އެދުން އަދި އަޅުގަނޑުގެ ޕާޓީގެ ލީޑަރުވެސް އެގޮތަށް އިރުޝާދު ދެއްވުން،" މުހައްމަދު ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ގައުމުގެ މަސްލަހަތަށް ބަލާ އިރު މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް އޭނާ ހުށަހެޅުއްވި އިސްލާހު ނެގުން ކަމަށެވެ.
އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފައިވާ އިރު ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރޭ ބައްދަލުކުރައްވައިފަ އެވެ.
ދިޓީވީ ހިންގާ އިމާރާތާ އިންވެގެން ހުންނަ ބައިގައި ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމަށް ފަހު، "ސަން" އިން ގާސިމާ ސުވާލު ކުރުމުން ވިދާޅުވީ އެ ބައްދަލުވުމުގައި ސިޔާސީ ވަރަށް ގިނަ ވާހަކަތަކެއް ދެއްކި ކަމަށެވެ. ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކުގެ އިތުރުން އަމިއްލަ ކުންފުނީގެ ވިޔަފާރިއާ ބެހޭ ގޮތުން އުއްޗުއާ މަޝްވަރާ ކުރެއްވި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.