03 Mar 2015, 10:40
ވޮޝިންޓަން (ފެބްރުއަރީ3): އީރާނުގެ ނިއުކްލިއަ މައްސަލައިގައި އެގައުމާއެކު ފުރިހަމަ އެއްބަސްވުމަކަށް އެމެރިކާ އައުމަށްޓަކައި ނިއުކްލިއަ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ މަސައްކަތް 10 އަހަރުވަންދެން ހުއްޓާލުމަށް އީރާން އެއްބަސްވުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އީރާނަށް ގޮވާލައްވައިިފި އެވެ.
ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި އޮބާމާ ވިދާޅުވީ، ނިއުކްލިއަ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ މަސައްކަތް 10 އަހަރުވަންދެން ހުއްޓާލުމަށް އެމެރިކާ އެދޭއިރު މި މުއްދަތުގައި މިކަން ބަލައި ތަހްގީގު ކުރުމުގެ ފުރުސަތުވެސް އީރާނުން ދޭންޖެހޭނެކަމުގައެވެ.
އޮބާމާ މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ އީރާނުގެ ނިއުކްލިއަ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވޭ މިންވަރަށް ދެފަރާތުގެ ޚިލާފުތައް ކުޑަކުރެވިފައިވާ ކަމުގެ މަޢުލޫމާތުތަކެއް ފެތުރިފައިވަނިކޮށެވެ. ނިއުކްލިއަ ވާހަކަތަކުގައި ބައިވެރިވާ އެމެރިކާގެ މަސްއޫލުވެރިއަކުވަނީ މިވާހަކަތަކަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.
މި ޚަބަރުތަކާއެކު އީރާނާއެކު އެމެރިކާ އެއްބަސްވުމެއްގައި ސޮއިކޮށް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަފާނެކަމުގެ ބިރު އިޙްސާސްކުރެވުމާ ގުޅިގެން އެމެރިކާގެ ސަރުކާރު ކުށްވެރިކޮށް އެމެރިކާގެ ކޮންގްރެސްގައި ޚިތާބެއް ދެއްވުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ އާދީއްތަ ދުވަހުވަނީ އެމެރިކާއަށް ވަޑައިގެންފައެވެ. މިއަދުގެ ވަގުތެއްގައި ނަތަންޔާހޫ މިޚިތާބު ދެއްވާނެއެވެ.
ކޮންގްރެސްގައި ޚިތާބެއް ދެއްވުމަށް ނަތަންޔާހޫއަށް ދައުވަތު އެރުވީ، ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް ޖޯން ބެއިނާ އެވެ. އޮބާމާއާ އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވުމެއްނެތި ނަތަންޔާހޫއަށް މިދަޢުވަތު ދެއްވި މައްސަލައިގައި ވައިޓް ހައުސް އިންވަނީ ހިތްހަމަނުޖެހޭކަން ފާޅުކޮށްފައެވެ. އަދި އޮބާމާގެ ސަރުކާރުގެ އެއްވެސް އިސް މަސްއޫލުވެރިއަކު ނަތަންޔާހޫގެ މި ދަތުރުފުޅުގައި އޭނާއާ ބައްދަލު ނުކުރައްވާނެ ކަމަށްވެސް ވައިޓް ހައުސް އިންވަނީ ބުނެފައެވެ.
އެމެރިކާގައި ހަރަކާތްތެރިވާ އިސްރާއީލަށް ތާއީދުކުރާ ޒަޔަނިސްޓް ޖަމިއްޔާއެއް ކަމަށްވާ އައިޕެކްގެ އަހަރީ ބައްދަލުވުމުގައި އިއްޔެ ތަގްރީރު ކުރައްވަމުން ނަތަންޔާހޫ ވަނީ އީރާނުގެ ނިއުކްލިއަ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކޮށް އީރާނާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ އިސްރާއީލަށް ކުރިމަތިވާނެ ކާރިސާއެއް ކަމަށް ސިފަކުރައްވާފައެވެ. އެއްވެސް ގޮތަކަށް ނިއުކްލިއަ ޕްރޮގްރާމް ތަރައްގީ ކުރުމުގެ ފުރްސަތު އީރާނަށް ލިބިގެންދިޔުމަކީ ފަލަސްތީނުގެ ބިމުގައި އިސްރާއީލު ދެމިއޮތުމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށްވެސް ނަތަންޔާހޫ ސިފަކުރެއްވި އެވެ.
އީރާނުގެ ނިއުކްލިއަ ޕްރޮގްރާމަކީ އިސްރާއީލަށް އޮތް ނުރައްކަލެއް ކަމަށް އެމެރިކާ ދެކެނީ އީރާނަށް ނިއުކްލިއަ ގާބިލްކަން ލިބިއްޖެނަމަ ޒަމާނީ ޓެކްނޮލޮޖީއާއި ބާރުވެރިކަމުގެ ގޮތުން އިސްރާއީލާ ތިލަފަތް ހަމަވާ ގައުމަކަށް އީރާން ވެގެންހިނގައިދާނެތީއެވެ.
އީރާނުން މަދަނީ ނިއުކްލިއަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔަ ނަމަވެސް މިނުރައްކާ އިސްރާއީލަށް އޮތްކަމަށް އިސްރާއީލު ދެކެއެވެ. އީރާނަށް އެއްވެސް ބާވަތެއްގެ ނިއުކްލިއަ ޓެކްނޮލޮޖީއެއް ލިބުމަކީ މުޅި މެދުއިރުމައްޗަށް ބިރު ދައްކައިގެން ފަލަސްތީނުގެ ބިން ތާއަބަދަށް ހިފައިގެން އިސްރާއީލު އޮންނަ އޮތުމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށް އިސްރާއީލު ދެކެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވަނީ ނިއުކްލިއަ މައްސަލައިގައި އެމެރިކާ ދޫތަކެއް ދީފިނަމަ އަންނަ ހަފްތާތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރްސަތު ބޮޑުކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް އީރާނުގެ ނިއުކްލިއަ އެއްވެސް ހައްގެއް ގެއްލޭފަދަ އެއްބަސްވުމެއްގައި އީރާން ސޮއިނުކުރާނެ ކަމަށް ޒަރީފް ވިދާޅުވިއެވެ.
މަދަނީ ނިއުކްލިއަ ޕްރޮގްރާމެއް ތަރައްގީ ކުރުމުގެ ފުރްސަތަކީ ބައިނަލްއަގްވާމީ ގާނޫނުގައި އެހެން ގައުމުތަކެކޭ އެއްގޮތަށް އީރާނަށްވެސް ލިބިފައިވާ ހައްގެކެވެ.
އެއްބަސްވުމަކާ ހަމައަށް އައުމަށްޓަކައި މިޙައްގު ދޫނުކުރާނެކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީވެސްވަނީ ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)