03 Mar 2015, 10:27
މަސްވެރިކަމުގެ ކޯޕަރޭޓިވްސްތައް އިތުރަށް ތަރައްގީ ކުރުމަށް، ގުޅިގެން މަސައްކަތް ކުރުމަށްޓަކައި މޯލްޑިވްސް ފިޝަމަންސް އޯގަނައިޒޭޝަން (އެމްއެފްއޯ) އާއި އިންޓަނޭޝަނަލް ފިޝަރީޒް ކޯޕަރޭޓިވް އޯގަނައިޒޭޝަން (އައިއެފްސީއޯ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެމްއެފްއޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ އެސޯސިއޭޝަންގެ ޗެއާމަން މައިޒާން އަހުމަދު މަނިކް އެވެ. އަދި އައިއެފްސީއޯ އިން ސޮއިކުރައްވާފައިވަނީ އެ އޯގަނައިޒޭޝަންގެ ޗެއާމަން ލީ ޖޮން ކޫ އެވެ.
އައިއެމްއެފް ފަދަ އޯގަނައިޒޭޝަނަކާ އެކު މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ފައިދާތަކެއްވެ އެހެންގައުމު ތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަން މަގުބޫލް ވެގެންދާނެ ކަމަށް އެމްއެފްއޭއިިން ވަނީ ބުނެފައެވެ.
އެ ރަސްމިއްޔާތުގައި އައިއެފސީއޯގެ ޗެއާމަން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އައިއެފްސީއޯ އާ މިއަދު ރާއްޖެ ގުޅުމުގެ ސަބަބުން އުފާ ކުރައްވާ ކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އޯގަނައިޒޭޝަނާ ދިވެހި ރާއްޖޭގެ ފިޝަމަންސް އެސޯސިއޭޝަން ގުޅުމުން ވަރަށް އުފާ ކުރަން. އަދި ދެ އެސޯސިއޭޝަންގެ ގުޅުމުގެ ސަބަބުން ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ މަސްރަހަށް ކުރިއެރުން ލިބޭނެ ކަމަށް ދެކެން. އަދި އިތުރަށް ކުރިއެރުން ހޯދައިދިނުމަށް މަސައްކަތް ކުރާނަން،" އައިއެފސީއޯގެ ޗެއާމަން ވިދާޅުވި އެވެ.
މިއަދުގެ އެ ރަސްމިއްޔާތުގައި އައިއެފްސީއޯ އިން ވަނީ އެމްއެފްއޯއަށް ކޮމްޕިއުޓަރު ސިސްޓަމްތަކެއް ހަދިޔާކޮށްފައެވެ.