ފޯނުގެ ފަރުމާއަށް އިސްކަމެއް ދީގެން އުފައްދާފައިވާ ގެލެކްސީ ސީރީޒްގެ އެންމެ ފަހުގެ ދެ ފޯނު، ދުނިޔޭގެ އެންމެ ބޮޑު ފޯނު ކުންފުނި ކަމަށްވާ ސެމްސަން އިން ދައްކާލައިފި އެވެ.

ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސްގައި ސެމްސަން އިން ދައްކާފައިވަނީ "ގެލެކްސީ އެސް ސިކްސް" އާއި "ގެލެކްސީ އެސް ސިކްސް އެޖް" އެވެ. އެ ކުންފުނީގެ އެންމެ ފަހުގެ "ފްލެގްޝިޕް" ފޯނު ގެލެކްސީ އެސް5 އަށް އެހާ ބޮޑު ތަރުހީބެއް ނުލިބުމާ ގުޅިގެން ގެލެކްސީ ސީރީޒްގެ ފަރުމާއަށް ސެމްގަންގުން ވަނީ އާ ބަދަލުތަކެއް ގެނެސްފައެވެ.

އެސް ސިކްސް އާ އޭގެ ވޭރިއެންޓް ފޯނު އެސް ސިކްސް އެޖް އަކީ ސްޕެސިފިކޭޝަން ޝީޓުގައި ދާދި އެއްވަރުގެ ވަރުގަދަ ހާޑުވެއާ ހިމެނޭ ދެ ފޯނު ކަމުގައި ވިޔަސް ބަލާލުމަށް ދެ ފޯނަކީ ވެސް ވަރަށް ތަފާތު ދެ ފޯނެވެ.

"ކްއޮޑް އެޗްޑީ ޑިސްޕްލޭ"ގައި އެންމެ ސާފުކޮށް މަންޒަރުތައް ބެލޭ އެ ދެ ފޯނުގައިވެސް ތިން ޖީބީގެ ރެމްއެއް ހިމެނޭއިރު އޭގެ ސަބަބުން އަވަސްކޮށް މަސައްކަތްތައް ޕްރޮސެސްކޮށް ގިނަ އެޕްލިކޭޝަންތައް، ހަގީގީ މަލްޓި ޓާސްކިން އާއެކު އެޅުވޭނެ އެވެ.

އެންމެ ފަހުގެ "އޮކްޓާ ކޯ" ޕްރޮސެސަރު ހަރުކުރެވިފައިވާ އެ ދެ ފޯނުގައި ހަރުކުރެވިފައިވާ 13 މެގަޕިކްސެލް ކެމެރާ ސެންސަރަކީ ސީރީޒްގެ ކުރީގެ ފޯނުތަކުގައިވެސް ހަރުކުރެވިފައިވާ ވަރުގެ ސެންސަރެކެވެ.

ގެލެކްސީ ސީރީޒްގެ ފޯނުތަކުގެ ޑިސްޕްލޭތަކާ އެއްވަރަށް 5.1 އިންޗިއަށް އެ ދެ ފޯނުގެ ސްކްރީން ފަރުމާ ކޮށްފައިވާއިރު ޑިސްޕްލޭތައް ހަދާފައިވަނީ ގޮރިއްލާ ގްލާސް4 ބޭނުންކޮށްގެންނެވެ.

އެސް ސިކްސް އާއި އެޖްގެ މިފަހަރުގެ ފަރުމާގައި ކުރިން ސެމްސަން ފޯނުތަކުގައި ބޭނުންކުރި ޕްލާސްޓިކް ފްރޭމް ބޭނުންކޮށްފައެއް ނުވެއެވެ. ނަމަވެސް އޭގެ ބަދަލުގައި އެލުމިނިއަމް ފްރޭމަކުން ވަށާލެވިފައިވާ އެ ފޯނުގެ ފަހަތު ކަވަރުވެސް ވަނީ ކުރީގެ ޕްލާސްޓިކްގެ ބަދަލުގައި އައު މެޓީރިއަލް އެއް ބޭނުންކޮށްފައެވެ.

މައިކްރޯސޮފްޓްގެ ގިނަ އެޕްލިކޭޝަންތަކެއް "އައުޓް އޮފް ދަ ބޮކްސް" ކޮށް ލިބެން ހުންނަ އިރު ދެ ފޯނުވެސް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައެވެ. ނަމަވެސް ފޯނުގެ އަގެއް ސެމްސަން ކުންފުނިން ބުނެފައި ނުވާއިރު އެޖްގެ އަގު އެސް ސިކްސްގެ އަގަށްވުރެ ބޮޑުވާނެކަމަށް ވެއެވެ.