03 Mar 2015, 10:14
އިޔާދަ ކުރަނިވި ހަކަތަ ޕްރޮމޯޓުކުރުމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް އިން ތައްޔާރުކުރި ސޯލާ ޕަވާ މަތިންދާ ބޯޓު އޭގެ ތިންވަނަ ޓެސްޓު ފްލައިޓް ކާމިޔާބުކަމާ އެކު ކޮށްފި އެވެ.
އަބު ދާބީގެ އަލްބަތީން އެއާޕޯޓުގައި "ދަ ސޯލާ އިމްޕަލްސް 2 (އެސްއައި2)" ފްލައިޓު ދެ ގަޑިއިރުގެ ދިގުމިނެއްގެ ޓެސްޓެއް ކޮށްފައިވެ އެވެ.
އެއް ސީޓުގެ އެ ސޯލާ ހަކަތަ ބޭނުން ކުރާ ފްލައިޓުގެ ބޭނުމުގައި މަސައްކަތް ކުރަނީ ދުނިޔެ ވަށައި ދަތުރެއް ކުރުމަށް ކަމަށް ޔާހޫ ނިއުސް އިން ވަނީ ބުނެފަ އެވެ. މިމަހުގައި ފެށުމަށް ހަމަވެފައިވާ އެ ދަތުރު ފަށާނީ އަބޫ ދާބީ އިންނެވެ. އޯގަނައިޒަރުން ބުނާ ގޮތުގައި މޫސުން ތަންދޭ ގޮތެއް ބަލާފައި އެ ދަތުރު، ހޮނިހިރު ދުވަހު ވެސް ފަށަން ތައްޔާރެވެ.
"އެސްއައި2" ދުނިޔޭގެ 12 ތަނަކަށް މަޑުކުރަން ހަމަ ޖައްސާފައިވާ ކަމަށް އޯގަނައިޒަރުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ހަވާއީ އާއި ޗައިނާއާއި ނިއުޔޯކް އާއި ދެކުނު ޔޫރަޕު އާއި އުތުރު އެފްރިކާ ހިމެނެ އެވެ.
ބާރުމިނުގައި 50 އާއި 100 ކިލޯމީޓާ ޕާ އަވާއަށް ދަތުރުކުރާ އެ ފްލައިޓުގެ ދަތުރަށް ފަސްމަސް ނަގާނެ ކަމަށް އޯގަނައިޒަރުން ވަނީ ބުނެފަ އެވެ. އެއިން ކޮންމެ މަހެއްގައި ދަތުރު ކުރާނީ 25 ދުވަހު ކަމަށް ވެސް އެމީހުން ވަނީ ބުނެފަ އެވެ.