ލަންޑަން (ފެބްރުއަރީ 3) : މުޅި ދުނިޔެއަށް ބަލާއިރު ވެސް ދިރިއުޅުމުގެ ވަސީލަތްތަކުގެ އަގުތައް އެންމެ ބޮޑު ސިޓީއަކީ ސިންގަޕޫރުކަން ކަމާބެހޭ ސާވޭއަކުން ހާމަވެއްޖެ އެވެ.

ލަންޑަންގައި ނުކުންނަ ދި އިކޮނޮމިސްޓް ނޫހުގެ މަޢުލޫމާތާ ބެހޭ ޔުނިޓުން ކުރި މި ސާވޭން ހާމަވާ ގޮތުގައި ކެއިންބުއިމާއި ދިރިއުޅުމުގެ އެހެން ވަސީލަތްތަކުގެ އަގު އެންމެ ބޮޑީ ސިންގަޕޫރުގަ އެވެ. ސިންގަޕޫރަށް ފަހު ދެން އެންމެ އަގުތައް ބޮޑު ސިޓީތަކުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހާއި ނޯވޭގެ ވެރިރަށް އޮސްލޯ އަދި ސްވިސްޓްޒަލޭންޑްގެ ޒިޔުރިކް އާއި އޮސްޓްރޭލިޔާގެ ސިޑްނީ ހިމެނެ އެވެ.

މިސާވޭގައި ދުނިޔޭގެ ބޮޑެތި ސިޓީތަކުގެ ތެރެއިން 133 ސިޓީއެއްގެ ދިރިއުޅުމުގެ އަގުތައް ބަލައި ދިރާސާކޮށްފަ އެވެ.

މިސާވޭގައި މިންގަނޑެއްގެ ގޮތުގައި ބަލާފައި ވަނީ އެމެރިކާގެ ނިޔުޔޯކް ސިޓީގެ ދިރިއުޅުމުގެ އަގުތަކަށެވެ. މިސާވޭގައި އަގުތައް ބެލި ތަކެތީގެ ތެރޭގައި ގެކާބޯތަކެތީގެ އަގުތަކާއި ކަރަންޓާއި ފެނުގެ އަގުތަކާއި އަންނައުނުގެ އަގުތަކާއި ކުއްޔަށްދޭ ތަންތަނުގެ އަގުތައް ހިމެނެ އެވެ. (ދި އިކޮނޮމިސްޓް)