03 Mar 2015, 10:00
މިއަހަރު ތެރޭ ރިލީޒް ކުރަން ހަމަޖެހިފައިވާ ލަންކާ ފިލްމެއް ކަމަށްވާ، "އެކޯޑިން ޓު މެތިއު"ގައި، ލަންކާއަށް އުފަން އަދި ލަންކާގެ ރީތީގެ ރާނީ ކަން ހޯދާފައިވާ ބޮލީވުޑްގެ އެކްޓްރެސް ޖެކުއަލިން ފެނާންޑޭޒް ފެނިގެންދާނެ ކަމަށް އޭނާ ބުނެފި އެވެ. މިއީ ޖެކުއަލިން ކުޅޭ ފުރަތަމަ ލަންކާ ފިލްމެވެ.
ޖެކުއަލިންގެ އިންސްޓަގްރާމް އެކައުންޓުން އޭނާ ވަނީ އެކަން ހާމަކޮށްފައެވެ.
އިންސްޓަގްރާމަށް ލާފައިވާ އެ ފިލްމުގެ ފޮޓޯ އެއްގެ ހޭޝްޓެގް ގެ ގޮތުގައި އޭނާ ވަނީ އެ ފިލްމް ވަރަށް އަވަހަށް ސްކްރީން ތަކަށް ނުކުންނާނެ ކަމަށާއި އެއީ އޭނާގެ ފުރަތަމަ ލަންކާ ފިލްމް ކަމަށް ބުނެފައެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ސްރީލަންކާގެ ޑައިރެކްޓަރެއް ކަމަށްވާ ޗަންދްރަން ރުތްނަމް ޑައިރެކްޓްކުރާ ލޯބީގެ ތްރިލާ ފިލްމް، "އެކޯޑިން ޓު މެތިއު" ގައި ޖެކުއަލިންގެ އިތުރުން ދެން ފެނިގެންދާނީ، ލަންކާގެ އެކްޓަރެއް ކަމަށްވާ އަލްސްޓޮން ކޮޗެވެ.
ރަންބީރު ކަޕޫރާއެކު ރޮމޭންޓިކް ތްރިލާ ފިލްމް، "ރޮއީ" އިން އެންމެ ފަހުން ފެނިގެންދިޔަ ޖެކުއަލިން އަންނަނީ ހޮލީވުޑްގެ ބިރުވެރި ތިރްލާ ފިލްމެއް ކަމަށްވާ "ޑެފިނޭޝަން އޮފް ފިއާ"ގެ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. މީގެ އިތުރުން، ޖެކުއަލިން އެންމެ އަވަހަށް ބޮލީވުޑްގެ ފިލްމަކުން ފެންނާނީ ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ ފިލްމް "ބްރަދާސް" އިންނެވެ.