އެމެރިކާގެ ވިޔަފާރީގެ ހަބަރު ގެނެސްދޭ ހަފްތާ މަޖައްލާއެއް ކަމަށްވާ 'ފޯބްސް' އިން ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމް މައިކްރޯސޮފްޓް ކުންފުނީގެ ބާނީ ބިލް ގޭޓްސް ހޯދައިފި އެވެ.

މިއީ، ފޯބްސް އިން ހޮވާ ދުނިޔޭގެ އެންމެ ބާރު ގަދަ މީހުންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ބިލް ގޭޓްސް އެ މަގާމު ހޯދި 16 ވަނަ ފަހަރެވެ.

ފޯބްސް އިން ބުނާ ގޮތުން، ބިލް ގޭޓްސްގެ މިލްކިއްޔާތުގައި 79.2 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. މިއީ މިދިޔަ އަހަރު އޭނާގެ މިލްކިއްޔާތުގައި ހުރި ވަރަށް ވުރެ ތިން ބިލިއަން އެމެރިކާ ޑޮލަރު ބޮޑު އަދަދެކެވެ.

ބިލް ގޭޓްސްގެ ފަހަތުން ދެވަނަ ހޯދާފައި ވަނީ، އޭނާ އާއި އެންމެ ވާދަވެރި އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމް ތިން ފަހަރު ހޯދާފައިވާ މެކްސިކޯގެ ވިޔަފާރި ވެރިއެއް ކަމަށްވާ، ކާލޯސް ސްލިމެވެ. ކާލޯސް ވަނީ މިދިޔަ އަހަރާ އަޅާބަލާ އިރު މިއަހަރު 5.1 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދައި އޭނާގެ މިލްކިއްޔާތަށް 77.1 ބިލިއަން އެމެރިކާ ޑޮލަރު ވައްދާފަ އެވެ.

އެމެރިކާ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ބޭކްޝާ ހަތަވޭގެ ޗެއާމަން އަދި ސީއީއޯ ވޯރެން އެޑްވާޑް ބުފެޓް އޮތީ މިއަހަރުގެ ލިސްޓުގެ ތިން ވަނައިގަ އެވެ. ޖުމްލަ 72.7 ބިލިއަން އެމެރިކާ ޑޮލަރުގެ މިލްކިއްޔާތަކާ އެކު އޭނާ ތިން ވަނަ މަގާމް ހޯދާފައި ވަނީ، އެ މަގާމުގައި މިދިޔަ އަހަރު ރަސްކަންކުރަމުންއައި ސްޕެއިންގެ ފެޝަން ގްރޫޕެއް ކަމަށްވާ އިންޑިޓެކްސްގެ ޗެއާމަން އަމާންސިއޯ އޮޓެގާ ވައްޓާލުމަށް ފަހު އެވެ.

މީގެ އިތުރުން، މި އަހަރު އާމްދަނީގެ އެންމެ ބޮޑު ކުރިއެރުމެއް ލިބުނު މަހުޖަނަކީ ވެސް ވޯރެން އެޑްވާޑް ބުފެޓެވެ. އެގޮތުން، މި އަހަރު އޭނާގެ މިލްކިއްޔާތު ވަނީ މިދިޔަ އަހަރަށް ވުރެ 14.5 ބިލިއަން އެމެރިކާ ޑޮލަރު އިތުރު ކޮށްފަ އެވެ.

ތިން ވަނަ މަގާމުން މި އަހަރު ލިސްޓުގެ ހަތަރު ވަނަ މަގާމަށް ވެއްޓުނު އަމާންސިއޯ އޮޓެގާގެ މިލްކިއްޔާތަށް މި އަހަރު އިތުރު ވެފައި ވަނީ އެންމެ 500 މިލިއަން ޑޮލަރެވެ. އެ ފައިދާއާ އެކު އޭނާގެ މިލްކިއްޔާތު ވަނީ 64.5 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލިސްޓުގެ ފަސް ވަނަ މަގާމް ހޯދާފައި ވަނީ މިދިޔަ އަހަރު ވެސް އެ މަގާމުގައި އޮތް އެމެރިކާގެ ކޮންޕިއުޓަރު ޓެކްނޮލޮޖީ ކޯޕަރޭޝަނެއް ކަމަށްވާ އޮރަކަލްގެ ސީއީއޯ ލެރީ އެލިސަން އެވެ. އޭނާ އެ މަގާމް ހޯދާފައި ވަނީ މިލްކިއްޔާތުގައި ހުރި 54.3 ބިލިއަން އެމެރިކާ ޑޮލަރާއި އެކުގަ އެވެ.

ދުނިޔޭގެ މަޝްހޫރު ސޯޝަލް މީޑިއާ، ފޭސްބުކްގެ ސީއީއޯ އަދި ޗެއާމަން މާކް ޒަކަބާގު މިއަހަރު ވަނީ ދުނިޔޭގެ މުއްސަނދިންގެ ލިސްޓުގެ ގަދަ 20 ވަނަ އިން ފުރަތަމަ ފަހަރަށް ޖާގަ ހޯދާފަ އެވެ. ޒަކަބާގްގެ މިލްކިއްޔާތުގައި ހުރި 33.4 ބިލިއަން އެމެރިކާ ޑޮލަރާ އެކު އޭނާ އޮތީ އެ ލިސްޓުގެ 16 ވަނާގަ އެވެ.

މިއަހަރުގެ ލިސްޓުގައި އެންމެ ޒުވާން މަހުޖަނުގެ މަގާމް ހޯދާފައި ވަނީ، ބިލިއަނަރުންގެ ލިސްޓުން އަލަށް ޖާގަ ހޯދި ސްނެޕްޗެޓް އުފެއްދި އެވަން ސްޕީޖެލެވެ. އުމުރުން އެންމެ 24 އަހަރުގެ އީވަން ސްޕީޖެލް އެ ލިސްޓުގެ 1250 އިިން ޖާގަ ހޯދާފައި ވަނީ، އޭނާގެ މިލްކިއްޔާތުގައި ހުރި 1.5 ބިލިއަން އެމެރިކާ ޑޮލަރާއެކުގަ އެވެ.

ފޯބްސް އިން ބުނީ، މި އަހަރު ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގައި 1826 މީހަކު ހިމެނޭ އިރު، ވޭތުވެ ދިޔަ 12 މަސް ދުވެހުގެ ތެރޭގައި އެ ލިސްޓަށް އަލަށް ވ290 ބިލިއަނަރުން އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ ބިލިއަނަރުން އިތުރުވެފައި ވަނީ ޗައިނާއިންނެވެ. އެގައުމުން ލިސްޓަށް އަލަށް 71 ބިލިއަނަރުން އަރާފައިވެ އެވެ.

މިއަހަރުގެ ލިސްޓުން 138 މީހަކު ވަނީ އަލްވަދާއުކިޔާފަ އެވެ.

މިއަހަރު ވެސް އެންމެ ގިނަ މުއްސަނދިން ތިބި ގައުމަކީ އެމެރިކާ އެވެ. މި އަހަރުގެ ލިސްޓުގައި އެމެރިކާގެ 536 މީހުން ހިމެނޭ އިރު، 213 މީހުންނާ އެކު އެ ލިސްޓުގެ ދެވަނާގައި އޮތީ ޗައިނާ އެވެ. ތިން ވަނަ މަގާމް ހޯދާފައި ވަނީ 103 މީހުންނާ އެކު ޖަރުމަނެވެ.

މި އަހަރުގެ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި ހިމެނޭ ހުރިހާ ބިލިއަނަރުންގެ މިލްކިއްޔާތުތައް އެއްކޮށްލާ ނަމަ ޖުމްލަ 7.05 ޓްރިލިއަން އަށް އަރަ އެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 6.4 ޓްރިލިއަން ގައެވެ.