03 Mar 2015, 09:54
ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމުގެ ތުހުމަތު ކުރާ އެކުއްޖާގެ މަންމަ، އާފިޔާ މުހައްމަދުގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
އާފިޔާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އާފިޔާގެ ބަންދުގެ މުއްދަތު އެންމެ ފަހުން އިތުރު ކޮށްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެ ފަހަރު ވެސް ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.
ވ. ރަކީދޫ، މެރިންކޯނާގައި ބޮޑެތި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި އިބްތިހާލް ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އިބްތިހާލަށް، އޭނާގެ މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައި ވާކަމަށް ވެސް އެރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.
އިބްތިހާލްގެ އިތުރުން، އިތުރު ތިން ދަރިއަކު އާފިޔާގެ ތިބެއެވެ. ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގަށް އާފިޔާ ގެންދިޔުމުން އާފިޔާ ވަނީ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އިއުތިރާފުވެފައެވެ. އޭނާ ބުނީ ދަރިފުޅަށް އަނިޔާ ކުރީ މަރާލުމުގެ ނިޔަތުގައި ނޫންކަމަށެވެ.