03 Mar 2015, 09:48
ޑިފެންސް މިނިސްޓަރު ކަމަށް އައްޔަންކުރައްވާފައިވާ މޫސާ އަލީ ޖަލީލަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް އެޑްރެސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފޮނުއްވި ސިޓީފުޅެއްގައި ވަނީ މޫސާ އަލީ ޖަލީލް ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވާތީ ގާނޫނު އަސާސީގެ 129ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެމަނިކުފާނަށް ރުހުން ހޯއްދެއްވުމަށް ޓަކައި ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމަވާ ދެއްވުން އެދޭ ކަމަށެވެ.
މޫސާ އަލީ ޖަލީލަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް ފޮނުއްވާފައިވާ އިރު އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެ މަގާމުގައި ކުރިން ހުންނެވި ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމް އެ މަގާމުން ވަކި ކުރައްވައިފަ އެވެ.
މޫސާ އަލީ ޖަލީލުގެ އިތުރުން ދިވެހިރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅުއްވާ ސަފީރު ކަމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މ. މާހުރާ، އަހްމަދު ސަލީމްގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ވަނީ ފޮނުއްވާފައި އެވެ.
އަދި ހަމައެއާ އެކު އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ހ. ޑައިމަންޑްވިލާ، އަހްމަދު އަކްރަމްގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައި އެވެ.