16 Feb 2011, 12:06
ކޮލޮމްބޯ އިން ރާއްޖެ އައި ސްރީލަންކަން އެއާލައިންސްގެ މަތިންދާބޯޓެއްގެ ތެރޭގައި ބޮމެއް އޮތް ކަމަށް ބުނެ ހަޅޭއްލެވި އިނގިރޭސިވިލާތުގެ ފަސިންޖަރަކު ދިވެހި ފުލުހުން ހައްޔަރުކުރުމަށް ފަހު، އޭނާ ދޫކޮށްލާފައިވާ ކަމުގެ ޚަބަރު ބައިނަލްއަގްވާމީ މީޑިއާގައި ފެތުރި، ރާއްޖޭގެ ނަން ކިލަނބުވެފައިވާއިރު، އެމީހާ ރޭގެ ވަގުތެއްގައި އިނގިރޭސިވިލާތަށް ފުރައިފި އެވެ.
ހުޅުލޭގައި ޓްރާންސިޓްކުރުމަށް ފަހު އިނގިރޭސިވިލާތަށް ފުރުމަށް ހަމަޖެހިފައި އޮތް އެ ފްލައިޓްގައި އިން އުމުރުން 60 އަހަރުގެ އިނގިރޭސިވިލާތުގެ މީހާ، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާ ހަވާލުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރެވެ. ނަމަވެސް، އޭނާ ފުލުހުންނާ ހަވާލުކުރިތާ 24 ގަޑިއިރު ނުވަނީސް، ފުލުހުން ވަނީ އޭނާއާ ސުވާލުކުރުމަށް ފަހު ދޫކޮށްލައި ފުރުމުގެ ހުއްދަ ދީފަ އެވެ.
އަދި ރޭގެ ވަގުތެއްގައި އޭނާ ފުރައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޓެރަރިސްޓް ހަމަލާއަކާ ގުޅޭ މައްސަލައެއްގައި ހައްޔަރުކުރި އެމީހާ ހައްޔަރުކުރިތާ 24 ގަޑިއިރުނުވަނީސް ދޫކޮށްލައި، ބޭރަށް ފުރުމުގެ ހުއްދަ ދިނީ ކީއްވެގެންތޯ ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވިދާޅުވީ، އޭނާ ދޫކޮށްލީ އިތުރަށް ހައްޔަރުގައި ބަހައްޓަން ތަހުގީގު ޓީމަށް ނުފެންނާތީ ކަމަށެވެ.
"އެ މައްސަލައިގައި ތަހުގީގު ޓީމަށް އޭނަ ހައްޔަރުގައި ބަހައްޓައިގެން އެ މައްސަލައިގެ އިތުރު ތަހުގީގުކުރަން ޖެހޭ ކަމަށް އެ ތަހުގީގު ޓީމަށް ފާހަގަނުކުރެވޭތީ އޭނަ ދޫކޮށްލައިފަ އެވަނީ،" ޝިޔާމް ވިދާޅުވި އެވެ.
އަދި މުޅި މައްސަލައަކީ "މިސްކޮމިއުނިކޭޝަން" ނުވަތަ އޮޅުމަކުން ދިމާވި ކަމެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"މިހާތަނަށް ބެލިބެލުމުގައި ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވުނީ އެއީ މިސްކޮމިއުނިކޭޝަނެއް ކަމަށް،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ހައްޔަރުކުރި މީހާ ފުރައިގެން ދިޔައިރު ބޮމުގެ މައްސަލައިގެ ތަހުގީގު ނިމުނީތޯ ދެންނެވުމުން ޝިޔާމް ވިދާޅުވީ، އެ ކޭސް އަދި ބަންދުނުކުރާ ކަމަށާއި އަދިވެސް ތަހުގީގުކުރިއަށްދާ ކަމަށެވެ. އަދި އޭނާ ފުރައިގެން ދިއުމަށް ތަހުގީގަށް އެއްވެސް ހުރަހެއް އެޅޭތޯ ނުވަތަ ނޭޅޭތޯ ވިސްނާނީ ތަހުގީގު ޓީމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފްލައިޓްތެރޭ ބޮމެއް އޮތް ކަމަށް ބުނި އިނގިރޭސިވިލާތުގެ މީހާގެ ވާހަކަ ބައިނަލްއަގްވާމީ މީޑިއާގައި ވެސް ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. ހުރިހާ ޚަބަރުތަކެއްގައި ވެސް މީޑިއާ އޮފިޝަލު ޝިޔާމް އާ ހަވާލާދީ ބުނެފައިވަނީ، ފްލައިޓްގައި ތިބި ފަޅުވެރިންނަށް އެމީހާ ފްލައިޓްތެރޭ އުނދަގުލެއްވާ ކަމުގެ ޝަކުވާ ކުރުމުން، އޭނާ ބޮމެއް އޮތް ކަމަށް ބުނީ ކަމަށް ހީވެގެން އެ ފްލައިޓުން ބޮމް ތުރެއްޓެއް ރިޕޯޓުކުރުމުން ކަމަށެވެ. ނަމަވެސް، ފްލައިޓްގެ ފަޅުވެރިންނަށް އޮޅުނީ ކަމަށް ވެސް ޝިޔާމް ވިދާޅުވެފައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު ރާއްޖޭގައި ޓްރާންސިޓް ކުރުމަށް ފަހު އިނގިރޭސިވިލާތަށް ދިއުމަށް ހަމަޖެހިފައި އޮތް ސްރީލަންކަންގެ ބޯޓުގައި ބޮމެއް އޮތް ކަމަށް ބުނެ އެ މީހާ ހަޅޭއްލަވަން ފެށުމުން ހުރިހާ ފަސިންޖަރުން ބާލައި ސިފައިން ވަނީ އެ ބޯޓު ފާސްކޮށްފަ އެވެ. އެކަމަކު ބޮމެއް ނުވަތަ އެފަދަ އެއްވެސް އެއްޗެއް ނުފެނުމުން ސިފައިން ވަނީ ބޯޓު އިނގިރޭސިވިލާތަށް ފުރުމުގެ ހުއްދަ ދީފަ އެވެ.