ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެ ވަނަ ޖަލްސާ ފެށިގެން ކުރިއަށް ދަނިކޮށް އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ޕާލިމަންޓު މެމްބަރުން ޖަލްސާ އަށް ހުރަސް އަޅައިފި އެވެ.

މިއަދުގެ ޖަލްސާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ފެށި އިރު އެއްވެެސް މެމްބަރެއް އަޑުގަދަކޮށްފައެއް ނުވެ އެވެ. ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ރިއާސަތުން އިއްވަމުން ދަނިކޮށް އެމްޑީޕީގެ މެމްބަރުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާ އަޑުގަދަ ކުރަން ފަށާފައި އެވެ.

އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މަޖިލީހުގެ އަމީން އާންމުގެ މޭޒު ކައިރީގައި ހުރެ ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާ އަޑުގަދަ ކޮށްފަ އެވެ. އަދި ހަމަ އެއާ އެކު މަޖިލީހުގެ ރިއާސަތުގެ މޭޒު ކައިރިއަށް ގޮސް ވެސް އީވާ ވަނީ އެހެން ކިއާ އަޑުގަދަ ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދިޔައިރު އެމްޑީޕީގެ މެމްބަރުން އަޑުގަދަ ކުރަން ފެށުމުން ސަރުކާރުގެ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވަނީ ރައީސް ނަޝީދު ހައްޔަރު ކުރުމަށް ގޮވާ އަޑުގަދަ ކުރަން ފަށާފައި އެވެ.

މިއަދުގެ ޖަލްސާ އަށް އެމްޑީޕީ މެމްބަރުން ހުރަސް އެޅުއްވި އިރު މި އަހަރުގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްވި ރިޔާސީ ބަޔާނަށް ވެސް އިއްޔެ އެމްޑީޕީ މެމްބަރުންނާއި ޖޭޕީ މެމްބަރުން ވަނީ ހުރަސް އަޅައިފަ އެވެ.

އެހެންނަމަވެސް ހުއްޓުމެއް ނެތި ރައީސް ޔާމީން ވަނީ ރިޔާސީ ބަޔާން އިއްވަވައި ނިންމަވައިފަ އެވެ.