ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރައީސް ކަަމަށް ކުތިމަތި ނުލެއްވޭނެ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންނަން އެއްބަސްވެފައިވާކަން "ސަން"އަށް އެނގިއްޖެ އެވެ.

އުމުރުން 65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތިނުލެއްވޭ ގޮތަށް ހުށަހެޅި ބިލް އަނބުރާ ގެންނަން އެއްބަސްވެފައި ވަނީ ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އާއެކު ގާސިމް މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ. އިތުބާރު ކުރެވޭ މަސްދަރަކުން "ސަން"އަށް ބުނީ އެ ބައްދަލުވުމުގައި އަދީބުގެ އަރިހުގައި އެ ބިލް އަނބުރާ ގެނައުމަށް ގާސިމް އެދިވަޑައިގެންނެވި ކަމަށެވެ. އަދި އެކަމާ އަދީބު އެއްބަސްވެވަޑައިގެން، އެ ބިލް މަޖިލީހުން ނެގުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ގާސިމްގެ އަރިހުގައި އަދީބު ވިދާޅުވި އެވެ.

ދިޓީވީ ހިންގާ އިމާރާތާ އިންވެގެން ހުންނަ ބައިގައި ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު، "ސަން"އިން ގާސިމާ ސުވާލު ކުރުމުން ވިދާޅުވީ އެ ބައްދަލުވުމުގައި ސިޔާސީ ވަރަށް ގިނަ ވާހަކަތަކެއް ދެއްކި ކަމަށެވެ. ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކުގެ އިތުރުން އަމިއްލަ ކުންފުނީގެ ވިޔަފާރިއާ ބެހޭ ގޮތުން އުއްޗުއާ މަޝްވަރާ ކުރެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ.

އަދީބު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމާއި އުއްޗުއާއެކު ބޭއްވި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކާއި އެއްބަސްވި ކަންތައްތައް ހާމަކުރެވެން ނެތް ކަމަށެވެ.



އުމުރުން 65 އަހަރުވުމުން ރައީސް ކަމަށް ވާދަ ނުކުރެއްވޭގޮތަށް ބިލް ހުށަހެޅުއްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު އިސްމާއިލެވެ. ހޯރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މުހައްމަދު އިސްމާއިލަށް މިރޭ ގުޅާލުމުން ވިދާޅުވީ "އެކަމުގައި މި ވަގުތު ކޮމެންޓެއް" ކުރައްވަން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށެވެ.
65 އަހަރުވުމުން ރައީސް ކަމަށް ވާދަ ނުކުރެވޭ ބިލް މަޖިލީހަށް ހުށަހެޅުއްވި ހޯރަފުށީ ދާއިރާޣެ މެމްބަރު މުހައްމަދު އިސްމާއިލް (ކ) ނިހާންގެ އަރިހުގައި--

އަދީބާއި އުއްޗުއާއެކު ބޭއްވި މަޝްވަރާތަކަށްފަހު ގާސިމް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް އެ ސަރަހައްދަށް އެއްވި ބަޔަކު އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލައި ހަމަނުޖެހުން ހިންގަން އުޅުމުން، ސެކިއުރިޓީން ވަނީ އެމަނިކުފާނު ކާރަށް އަރުވައިގެން ގޮސްފަ އެވެ.

އުމުރުން 65 އަހަރު ވުމުން ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެނަމަ ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެރިކަމަކަށް ވަޑައިނުގެންނެވޭނެ އެވެ. ގާސިމަށް މިއަހަރު 65 އަހަރު ފުރިއްޖެ އެވެ. ރައީސް މައުމޫނަށް މިއަހަރު 78 އަހަރު ފުރޭނެ އެވެ.