03 Mar 2015, 00:32
ރާއްޖޭގެ އިގްތިސާދަށް އިންގިލާބެއް ގެންނަވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
އެލިއާ އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އިގްތިސާދީ ދުވެހި ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެމަސައްކަތްތަކުގެ ތެރެއިން އިންގިލާބީ ބަދަލެއް ގެންނަވާނެ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ސަރުކާރުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އިގްތިސާދީ ދުވެލި ކުރިޔަށް ގެންދެވޭނެ މަސައްކަތްތައް ހޯދުން. އަޅުގަނޑުމެންގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ އިގްތިސާދީގޮތުން ރާއްޖެއަށް ޓްރާންސްފޯމޭޝަނެއް ނޫނިއްޔާ ބޮޑު ބަދަލެއް، އިންގިލާބީ ބަދަލެއް ގެނައުން" ރައީސް ވިދާޅުވިއެވެ.
އެ މަސައްކަތް ކުރުމުގައި ފުރުސަތުތަކެއް ބައްޓަށްވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމުގެ ހަމަޖެހުމާއި ގައުމުގެ ސިޔާސަތުތައް ކަނޑައެޅިގެންދާ ގޮތަކީ އިންވެސްޓަރުންގެ އިތުބާރު އުފެދުމަށް މުހިންމު ކަންތައްތަކެއް ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ކުންފުނިތަކުގެ އިޖްތިމާއި ޒިންމާ އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވިޔަފާރިތަކުން އިޖްތިމާއީ ޒިންމާ އަށް މިހާރަށްވުރެ ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ.
" އަޅުގަނޑު ހަަމަ ދަންނަވާލަން ބެނުންވަނީ، މިހާރު އަޅުގަނޑުމެން މަސައްކަތް އެބަކުރަންޖެހެއޭ ވިސްނަން އެބަޖެހެއޭ ހަމަ އެލިއާއިން ވެސް ވިސްނާވަޑައިގަންނަވާ ގޮތަށް އަދި ޔުނިވާސަލް އާއި ޗަމްޕާ އާއި އަދި މިކަހަލަ އެތައް ބައިވަރު ވިޔަފާރިވެރިން ވިސްނާގޮތަށް ދިވެހި ރާއްޖޭގެ އިޖްތިމާއީ ކަންކަމަށް އަނބުރާ ކޮންމެވެސް އެއްޗެއް ދޭންޖެހޭ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވިޔަފާރި ކުންފުނިތަކުން މުޖުތަމައުއަށް ހިދުމަތް ކުރުމުގެ ގޮތުން ސީއެސްއާރު މަޝްރޫތަކެއް ހިންގިދާނެ ކަމަށެވެ. އެ ގޮތުން އެލިއާ އިން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް އިކުއުޕްމެންޓް ފޯރުކޮށްދެއްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ހަފްލާގައި ރައިސުލްޖުމްހޫރިއްޔާ ވަނީ އެލިއާގެ ކާމިޔާބީތައް ފާހަގަކޮށް ހިތްވަރާއި އެކު ވިޔަފާރީގައި ކުރިޔަށް ދިއުމަށް އެދިވަޑައިގެންފައެވެ.