ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު އިންކާރުކުރައްވާފައިވާތީ، އެކަން ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅައިފިއެވެ.

ދައުލަތުގެ ފަރާތުން ރައީސް ނަޝީދާ ދެކޮޅަށް ހެކި ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރަން ރައީސް ނަޝީދު ނިންމެވިކަން ސާބިތުކުރަން ހުށަހެޅި ހެކީންގެ ތެރޭގައި ހިމެނެނީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް އަތީފާއި އިންސްޕެކްޓާ އޮފް ޕޮލިސް ޝާކިރު އާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖަމްޝީދުގެ އިތުރުން ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފެވެ.

މީގެއިތުރުން 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ދައްކާފައިވާ ވާހަކަތަކުގެ ސްކްރިޕްޓާއި އެދުވަސްވަރު ރާޅުގަނޑު ސަރަހައްދުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކައެއްގެ ރެކޯޑިންގް އާއި އެދުވަސްވަރު ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުގެ އޯޑިއޯ ރެކޯޑިންގްގެ އިތުރުން އުސްފަސްގަނޑުގައި އެމަނިކުފާނު ދެއްކެވި ވާހަކައެއްގެ ރެކޯޑިންގް ވެސް ވަނީ އެކަން ސާބިތުކުރަން ހުށަހަޅާފައެވެ.

އެމްއެންޑީއެފް މެދުވެރިކޮށް އަބްދުﷲ ގާޒީ ހައްޔަރުކުރަން ނިންމިކަން ސާބިތުކުރުމަށް ވެސް ދައުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. އެކަން ސާބިތުކުރަން ހުށަހެޅި ހެކީންގެ ތެރޭގައި ހިމެނެނީ ޗީފް އޮފް ޑިފެންސްފޯސް އަހްމަދު ޝިޔާމާއި ކާނަލް ވައިސް ވަހީދެވެ. އެކަން ސާބިތުކުރުމުގެ ގޮތުން ތިން ސިޓީއެއް ވެސް ހުށަހެޅިއެވެ. އެއީ އެމްއެންޑީއެފްގެ ސިޓީ އަކާއި އަބްދުﷲ ގާޒީގެ ގާނޫނީ ވަކީލު އިބްރާހީމް ރިޒާ އެމްއެންޑީއެފް އަށް ފޮނުވި ސިޓީއެކެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނަކާއި އެދުވަސްވަރު ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނަކާއި ހައިކޯޓުން އޭރު ނެރުނު ކޯޓު އަމުރުތަކަކާއި 2012 ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ސޮއިކުރައްވައި ނެރުނު ޑައިރެކްޓޭޓެއް ވެސް ވަނީ އެކަން ސާބިތުކުރުމަށް ހުށަހަޅާފައެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ވެސް ވަނީ ދިފާއުގައި ހެކި ހުށަހަޅުއްވާފައެވެ. އެގޮތުން އެމަނިކުފާނު ހެކީންގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި ކުރީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު އާއި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފްގެ އިތުރުން ކުރީގެ ސަރުކާރުގައި ސިޔާސީ މަގާމެއްގައި ހުންނެވި އަހްމަދު މައުސޫމެވެ.

މިރޭގެ ޝަރިއަތުގެ މަޖިލީހުގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ދެ އިޖުރާއީ ނުކުތާއެއް ނަގާފައެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގެ އިސް ގާޒީ އަބްދުﷲ ދީދީ އާއި އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް މައްސަލައިން ތަނާޒުލްވާންޖެހޭނެ ކަމަށް ވިދާޅުވެ ނެންގެވި އިޖުރާއީ ނުކުތާގައި ނިންމާފައި ވަނީ ތަނާޒުލް ވާންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

ސަބަބަކީ އެ ދެ ގާޒީންނަކީ ހެކީންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ބައެއް ކަމަށް ނުވާތީ އާއި އަދި ހެކީންގެ ގޮތުގައި ހުށަހެޅިއަސް ބަލައިނުގަތުމަށް ޝަރީއަތުން ނިންމާފައިވާތީ ކަމަށް ފަނޑިޔާރުން އިއްތިފާގުވި ނިންމުމުގައި ވެއެވެ.

ދައުވާ އަނބުރާ ގެންދިޔުމަށްފަހު އަލުން ބޮޑު ދައުވާއެއް ހުށަނޭޅޭނެ ކަމަށް ނެގި އިޖުރާއީ ނުކުތާގައި ނިންމާފައި ވަނީ ދައުވާ ދެވަނަ ފަހަރަށް ނުކުރެވޭނެ ފަދަ ސަބަބެއް ނަޝީދުގެ ފަރާތްޕުޅުން ދެއްކިފައިނުވާ ކަމަށެވެ.

ހެކީންގެ ގޮތުގައި ދައުލަތުން ހުށަހެޅި ބައެއް ފަރާތްތަކުގެ ބަޔާންތައް ލިބިފައިނުވާ ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ވިދާޅުވުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ލިޔުންތައް ލިބޭނެ ކަން އަންގާފައެވެ.

ދައުލަތުން ހުށަހަޅާފައިވާ ލިޔުންތައް ގިނަ ކަމުން ހެކިބަސް ނެގުމުގެކުރިން އެ ލިޔުންތައް ދިރާސާ ކުރަން 30 ދުވަހުގެ ފުރުސަތެއް ބޭނުންވާ ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލު އަހްމަދު އަބްދުﷲ އަފީފް ޝަރީއަތުގައި އެދިވަޑައިގަތެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެކަމާ މެދު މާދަމާ ގޮތެއް ނިންމައި، ގާނޫނީ ޓީމަށް އަންގާނެ ކަމަށެވެ.