16 Feb 2011, 11:48
ވޯލްޑް ލިންކުން ޓޫރިޒަމް މިނިސްޓްރީއަށް ރައްދުވާ ގޮތަށް އެއާޕޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްޗަށް ކޮށްފައިވާ ދައުވާ ޓޫރިޒަމަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ސިވިލް ކޯޓްގެ ގާޒީ މަރިޔަމް ނިހާޔަތު ނިންމެވި އިޖްރާއީ ނިންމެވުމުގައި ބުނަނީ ވޯލްޑް ލިންކުން ހުށަހެޅި މައްސަލައަކީ އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ ނަމުގައި އެ ކުންފުނީގެ މައްޗަށް ދައުވާ ލިބި އެކުންފުނީގެ ފަރާތުން ޖަވާބެއް ދިނުމުގެ ހައްގު ލިބޭ މައްސަލައެއް ކަމަށްވާތީ ޓޫރިޒަމަށް ރައްދުވާ ގޮތަށް ވޯލްޑް ލިންކުން ކޮށްފައިވާ ދައުވާ ހިންގާނެ ތަނެއް ނެތް ކަމަށެވެ.
ވޯލްޑް ލިންކުން ކުރި ދައުވާ ޓޫރިޒަމްގެ މައްޗަށް ނުކުރެވެނެ ކަމަށް ދައުލަތުން ޝަރީއަތުގައި ފާހަގަ ކުރާ ނުކުތާއަށް ބެއްލެވުމަށްފަހު ސިވިލް ކޯޓުން ނިނމެވި އިޖްރާއީ ނިންމެވުމުގައި ބުނަނީ ދަައުވާ ލިބޭ އެއް ފަރާތުގެ ގޮތުގައި ވޯލްޑް ލިންކުން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ދައުވާކޮށްފައި ވަނީ އެއާޕޯޓް އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމާއި ކުންފުނި ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށް ނަހަމަ ގޮތުގައި ސަރުކާރުން ކަންތައްތައް ކުރާކަމަށް ބަލައިގެން ކަމަށެވެ.
އިޖްރާއީ ނިންމެވުމުގައި ބުނަނީ ކުންފުންޏާ ބެހޭ ގާނޫނަށް ބަލާއިރު ކޮންމެ ކުންފުންޏަކީ ރަޖިސްޓްރީ ވުމުން ކުންފުނީގެ ނަން ކަމަށް އަސާސީ ގަވައިދު ބުނާ ނަމުގައި ކަންކަން ހިންގުމާއި ދައުވާ ކުރުމާއި ލިބިގަތުމާއި އުފުލޭ މުދަލާއި ނޫފުލޭ މުދާ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދައި ލިބިގަތުމުގެ ހައްގު ލިބޭ ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ ޝަހުސެއްކަން އެނގޭ ކަމަށެވެ.
"... ކުންފުންޏާބެހެ ގާނޫނުގެ 74 ވަނަ މާއްދާއަށް ބަލާއިރު ކުންފުންޏަކީ އެކުންފުންޏެއްގެ މެންބަރުންނާއި ވަކި އުފެދިފައިވާ އަދި ގާނޫނީ ގޮތުން ގާނޫނީ ގޮތުން އަމިއްލަ ޝަހުސިއްޔަތެއް ލިބިގެންވާ ފަރާތަކަށްވީނަމަވެސް އެކުންފުންޏަކަށް ލިބިފައިވާ ޝަހުސިއްޔަތު ގާނޫނާ ހިލާފު ކަމެއް ކުރުމަށްޓަކައި ބޭނުންކޮށްފިނަމަ ނުވަތަ ކުންފުންޏަށް ލިބިފައިވާ ގާނޫނީ ޝަހުސިއްޔަތު މަކަރާއި ހީލަތް ހެދުމަށްޓަކައި ބޭނުންކޮށްފިނަމަ ނުވަތަ ކުންފުންޏަށް ލިބިފައިވާ ގާނޫނީ ޝަހުސިއްޔަތު ވަޔަފާރި ކުރި ނުވަތަ ކުރަމުންދާ ފަރާތަކަށް އޮޅުވާލުމުގެ ނިޔަތުގައި ބޭނުންކޮށްފިނަމަ އެފަދަ ހާލަތްތަކުގައި ކުންފުނީގެ ޝަހުސިއްޔަތު ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުން ހިފަމުން ގެންދިޔަ ކުންފުނީގެ ޑިރެކްޓަރުން އެ ކުންފުންޏެއްގެ ނަމުގައި ކުރި ކަންތައްތަކަށް އެ ޑިރެކްޓަރުން އަމިއްލައަށް ޒިންމާ އުފުލުމަށް އަމުރު ކުރުމުގެ ބާރު ކޯޓަށް އޮންނަ ކަމަށެވެ،" ނިންމެވުމުގައި ވެއެވެ.
ނަމަވެސް 74 ވަނަ މާއްދާ ބަޔާންކުރާ ހަލަތް މެދުވެރިވެއްޖެކަން ދައުވާ ކުރާ ފަރާތުން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ އަދި އެއާޕޯޓްސް އިންވެސްޓްމެންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އުފެދުމުގެ ބޭނުމަކީ އަދި ނިޔަތަކީ ގާނޫނާ ހިލާފު ކަމެއް ކުރުން ކަމަށް ޝަރީއަތަށް ބެލެން ނެތުމުން މި މައްސަލަ އަކީ އެއާޕޯޓްސް އިންވެސްޓްމެންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަމިއްލަ ނަމުގައި ދައުވާ ލިބި ޖަވާބެއް ދިނުމުގެ ހައްގު ލިބޭ މައްސަލައަކަށްވާތީ ޓޫރިޒަމަށް ރައްދުފވާ ގޮތަށް ދައުވާ ކުރިޔަށް ގެންދެވެން ނެތް ކަމަށެވެ.