އިސްލާމް ދީނަށް ހިދުމަތް ކޮށްދެއްވަމުން ގެންދަވާ ބޭފުޅުންގެ އަގު ވަޒަންކޮށް ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ފައިސަލް ބިން އަބްދުލް އަޒީޒް އަލް ސައުދުގެ ފައުންޑޭޝަނުން ދޭ އެވޯޑް ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރް ނައިކް އަށް ލިބިވަޑައިގެންފި އެވެ.

އިންޑިއާގެ އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޒާކިރް ނައިކް އަށް ކިންގް ފައިސަލް އިންޓަނޭޝަނަލް ޕްރައިޒް ހަވާލުކޮށްދެއްވާފައިވަނީ އިއްޔެ ރިޔާޟުގައި ހުންނަ އަލް ފައިސަލިއްޔާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ސައުދީ ރަސްގެފާނު ސަލްމާނެވެ.

އިސްލާމްދީން އުނގަންނައިދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޒާކިރް ނައިކަކީ އިސްލާމްދީނާއި ގުޅުންހުރި މައުލޫމާތުތައް ގެނެސްދޭ ޓީވީ ޗެނަލެއް ކަމަށްވާ، ޕީސް ޓީވީގެ ފައުންޑަރެވެ. އަދި އެވޯޑާއެކު އޭނާ އަށް ލިބުނު 200000 ޑޮލަރު ހަދިޔާކޮށްފައިވަނީ އެ ޗެނަލަށެވެ.

ކޮންމެ އަހަރަކު ދެމުން އަންނަ ކިންގް ފައިސަލް އިންޓަނޭޝަނަލް އެވޯޑު ދެނީ ފަސް ދާއިރާއަކުންނެވެ. އެއީ އިސްލާމްދީނަށް ހިދުމަތްކުރުމާއި އިސްލާމީ ތައުލީމާއި އަރަބި ބަހާއި އަދަބިއްޔާތުގެ އިތުރުން ބޭސްވެރިކަން އަދި ސައިންސެވެ. ނަމަވެސް މިއަހަރުގެ އެވޯޑްގައި އަރަބި ބަހާއި އަދަބިއްޔާތުގެ ބައިން އެވޯޑް ދީފައެއް ނުވެ އެވެ.

މިއަހަރު އިސްލާމީ ތައުލީމުގެ ދާއިރާ އިން އެވޯޑް ލިބިލައްވާފައި ވަނީ މަދީނާގެ ތަރައްގީގެ ކޮމިޝަނަށް ލަފާދޭ ސައުދީގެ ބޭފުޅެއް ކަމަށްވާ، ޑރ. އަބްދުލްއަޒީޒް ބިން އަބްދުލްރަހްމާން ކާކީ އަށެވެ. އޭނާ އަށް އެ އެވޯޑް ލިބިލައްވާފައިވަނީ މަދީނާގެ ސަގާފަތާއި ގުޅޭ ގޮތުން ހެއްދެވި ދިރާސާ އަކުންނެވެ.

ބޭސްވެރިކަމުގެ ދާއިރާއިން އެވޯޑް ލިބިލައްވާފައި ވަނީ ބޭސްވެރިކަމުގެ ރޮނގުން ގިނަ މުހިއްމު ދިރާސާތަކެއް ހައްދަވާފައިވާ ވޮޝިންގްޓަން ޔުނިވާސިޓީގެ ގެނޯމް ސައިންސް އެންޑް ސިސްޓެމްސް ބަޔޮލޮޖީގެ ޑިރެކްޓަރެއް ކަމަށްވާ އެމެރިކާގެ ޕްރޮފެސަރު ޖެގްރީ އިވަން ގޯޑަން އަށެވެ.

ސައިންސްގެ ދާއިރާއިން އެވޯޑް ލިބިލައްވާފައި ވަނީ އެމެރިކާގެ ޕްރޮފެސަރު އޮމަރު ވާނެސް ޔާގީ އަށެވެ. އޭނާ އަކީ އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ކެމިސްޓްރީ އަދި ބަޔޯކެމިސްޓްރީގެ ޕްރޮފެސަރެވެ. ޕްރޮފެސަރު ޔާގީގެ އިތުރުން ސްވިޒަލޭންޑުގެ ޕްރޮފެސަރެއް އަދި ސްވިސް ފެޑެރަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ޑިރެކްޓަރެއް ކަމަށްވާ މައިކަލް ގްރެޓްޒެލް އަށްވެސް ވަނީ ސައިންސްގެ ދާއިރާއިން އެވޯޑް ލިބިލައްވާފަ އެވެ.

މިއަހަރުގެ އެވޯޑް ލިބުނު ބޭފުޅުން ކުރިއަށް އޮތް ހަފްތާ ތެރޭގައި ރިޔާދުގެ އިންސްޓިޓިއުޓް ތަކާއި ޔުނިވާސިޓީ ތަކުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖަހިފައެވެ.