02 Mar 2015, 19:35
މުޒާހަރާތަކާއި އެއްވުންތަކާއި އެހެނިހެންވެސް ހާލަތްތަކުގައި ނޫސްވެރިންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މީޑިއާ ކައުންސިލު (އެމްއެމްސީ) ން ފުލުހުންނާއި މަޝްވަރާކޮށްފި އެވެ.
މީޑިއާ ކައުންސިލުން ބުނީ މުޒާހަރާތަކާއި އެއްވުންތަކާއި އެހެނިހެންވެސް ހާލަތްތަކުގައި ނޫސްވެރިންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މީޑިއާ ކައުންސިލުން ފުލުހުންނާ މަޝްވަރާކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. މި ބައްދަލުވުމުގައި ނޫސްވެރިންގެ ކަންބޮޑޮވުންތައް ހައްލުކުރުމަށް މީޑިއާ ކައުންސިލުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން ބުނީ ނޫސްވެރިންނަށް ކުރިމަތިވާ ގެއްލުމާއި ހުރަސްތައް ބަލައި ދިރާސާ ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނެގި ވަގުތީ ކޮމެޓީން، ހިގަމުންދާ ސިލްސިލާ މުޒާހަރާތަކުގައި އަނިޔާ ލިބުނުކަމަށް ބުނާ ގިނަ ނޫސްވެރިންނާއި ވެސް ބައްދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެ ޓިވީ، ވަގުތު އޮންލައިން އަދި ވީޓީވީ ގެ ނޫސްވެރިން ހިމެނޭގޮތަށް ޖުމްލަ ފަސް ނޫސްވެރިންނާއި ބައްދަލުކޮށްފައިވާ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ.
ނޫސްވެރިންނަށް މުޒާހަރާތަކުގައި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފުލުހުންނާ މީޑިއާ ކައުންސިލުން މަޝްވަރާކޮށްފައި ވާއިރު މުޒާހަރާތައް ކަވަރު ކުރަމުންދާއިރު ނޫސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ކަމާގުޅޭ ފަރާތްތަކަށް އެ ކައުންސިލުން ވަނީ ގޮވަލާފައި އެވެ.
އެ ކައުންސިލުން ބުނީ މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށާއި އަގުބޮޑެތި އިކްވިޕްމަންޓަށް ގެއްލުން ލިބެމުންދާކަން ފާހަގަ ކުރެވިފައިވާތީ އެފަދަ ކަންކަމުން ނޫސްވެރިން ރައްކާތެރިކޮށް މިނިވަން ނޫސްވެރިކަމެއް ކުރުމުގެ ފުރުސަތު ލިބޭނެ ފަދައިން ހިމާޔަތް ދިނުމަށް އެދޭ ކަމަށެވެ.