02 Mar 2015, 19:12
ރާއްޖޭގެ ދާހިލީ ކަންކަމުގައި ކަން ކުރަންވީ ގޮތް ބައިނަލް އަގުވާމީ މުޖުތަމައުން ކިޔައި ދިނުމާ ދެކޮޅު ހައްދަވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ މިއަދުގެ ސެޝަންގެ ހައިލެވެލް ސެގްމެންޓްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ދާޚިލީ ކަންކަމުގައި ބައިނަލް އަގުވާމީ މުޖުތަމައުން ފިއްތުންތައް ކުރިމަތި ކުރާތީ ރާއްޖޭގެ މުއައްސަސާތައް ކުރިއަށް ދިއުމަށް ހުރަސް އެޅޭ ކަމަށެވެ.
"...ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އަޅުގަނޑުމެންގެ އެކުވެރިންނާއި ބައިވެރިންނާ އެކު މަސައްކައްކަތް ކުރުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. ޑިމޮކްރެޓިކް ވުމުގެ ގޮންޖެހުންތަކުން ސަލާމަތް ވުމަށް މިހާރަށް ވުރެ ޑިމޮކްރެޓިކް ކަންތައްތައް ކުރަން ޖެހޭކަން ދިވެހިންނަށް ވަނީ ވިސްނައި ދެވިފައި. ނަމަވެސް އަޅުގަނޑުމެން ދެކޮޅު ހަދަން ރާއްޖޭގެ ގައުމީ އަދި އެތެރޭގެ ސިޔާސީ ކަންކަމުގައި ގޮތް ކިޔައިދިނުމާ އަޅުގަނޑުމެން ދެކޮޅު ހަދަން،" ދުންޔާ ވިދާޅުވި އެވެ.
ރާއްޖޭގައި ހިނގާފައިވާ ބައެއް ހާދިސާތަކުގައި ބައިނަލް އަގުވާމީ މުޖުތަމައުން ހަނު ހިމޭނުން ތިބި ކަމަށް ވިދާޅުވެ، ދުންޔާ ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން ހިދުމަތުގައި ހުންނެވި ފަނޑިޔާރަކު (ކްރިމިނަލް ކޯޓްގެ އިސް ގާޒީ ޢަބުދުﷲ މުޙައްމަދު) ހައްޔަރު ކުރި މައްސަލައިގައި ތިބީ ހަނު ހިމޭނުން ކަމަށް އެކަމަނާ ތުހުމަތު ކުރެއްވި އެވެ.
"ޚިދުމަތުގައި ހުންނެވި ފަނޑިޔާރަކު މެންދަމެއްގައި ސިފައިން ގާނޫނާ ހިލާފަށް ހައްޔަރު ކުރި. އަދި އޭނާގެ މައްޗަށް ދައުވާ އެއް ނުކޮށް، ޝަރީއަތެއް ވެސް ނުހިންގައި ބަންދުގައި ބެހެއްޓި. ހިމޭންކަން އައި. ޕާލަމެންޓް މެމްބަރެއްގެ ގޮތުގައި މިހާރުގެ ރައީސް ހުންނަވަނިކޮށް ގާނޫނާ ހިލާފަށް، ދައުވާއެއް އުފުލުމަކާ ނުލައި 2010 ވަނަ އަހަރު އެމަނިކުފާނު ހައްޔަރު ކުރި. ބައިނަލް އަގުވާމީ މުޖުތަމައުން ހަމަ އެފަދަ ހަމަހިމޭންކަމެއްގައި ތިބި،" ދުންޔާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ އަމިއްލަ ފައި މައްޗަށް ތެދުވުމަށް މަސައްކަތް ކުރަމުން އަންނަ ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް ވަރަށް ބާރަށް ކުރިއަށް ދާން ޖެހިފައި ވަނީ ބައިނަލް އަގުވާމީ މުޖުތަމައުގެ ހަރުކަށި ފާޑުކިއުންތަކުގެ ތެރޭގައި ކަމަށެވެ. ޑިމޮކްރަސީއަށް ރާއްޖެ ކުރި ދަތުރުގައި އަބަދު ވެސް ފާޑުކިއުންތައް އަމާޒުވީ ޝަރުއީ ކަންތައްތަކުގެ ތެރެއަށް ސަރުކާރުން ނުވަދެގެން ކަމަށް ވެސް ވިދާޅުވި އެވެ.
"...ޑިމޮކްރަސީއަށް އަޅުގަނޑުމެން ކުރި ދަތުރުގައި، އަޅުގަނޑުމެންނަށް ފާޑުކިއުންތައް އަމާޒުވެފައި ވަނީ ޝަރުއީ މައްސަލަތަކުގެ ތެރެއަށް ނުވަދެގެން. ގާނޫނީ ހުކޫމަތު ހިންގުމަށް ފުރުސަތު ދޭތީ. އަމިއްލަށް ހިންގުމުގައި ތަޖުރިބާ މަދު އަޅުގަނޑުމެންގެ މުއައްސަސާތައް ވަރަށް ބާރަށް ކުރިއަށް ދާން ޖެހިފައި ވަނީ ބައިނަލްއަގުވާމީ ހަރުކަށި ފާޑުކިއުންތަކުގެ ކުރިމަތީގައި،" ދުންޔާ ވިދާޅުވި އެވެ.