02 Mar 2015, 18:53
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ، ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއަށް ބަދަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދައުވާ ބަދަލުކޮށްފައި ވަނީ، ކުރިން އުފުލާފައިވާ ދައުވާގައި ހަވާލާދީފައިވާ ގާނޫނުގެ މައްދާތައް ދިމާނުވާ ކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު އެކަން ފާހަގަކުރެއްވުމުންނެވެ.
ދައުވާ ބަދަލުކުރުމަށް ޝަރީއަތުން 10 މިނެޓުގެ ފުރުސަތެއް ދައުލަތަށް ދިނެވެ. އެ ފުރުސަތަށް ފަހު އަލުން ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ކުރިން އުފުލާފައިވާ ދައުވާ "ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާ"އަށް ބަދަލުކުރާ ކަމަށެވެ.
ނާޒިމްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 3:50 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު އޭނާ ނިދާ ކޮޓަރީގެ އެނދުކައިރީ ކަބަޑުން ފެނުނު ކަޅުކުލައިގެ ދަބަހަކުން ފިސްތޯލައަކާ ތިން ވަޒަން ފެނިފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ރާއްޖެ އަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ދައުވާއާ ގުޅޭ ގޮތުން ވާހަކަދައްކަން ފުރުސަތު އެރުވުމުން ނާޒިމް ވިދާޅުވީ އެ ދައުވާއަށް އިންކާރު ކުރާ ކަމަށާއި ދައުވާއާ ގުޅިގެން އިތުރަށް ވާހަކަ ދައްކާނީ އޭނާގެ ވަކީލު މައުމޫން ހަމީދު ކަމަށެވެ.
ނާޒިމްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން އާންމުކޮށް ހުޅުވާލައިގެން އިންސާފުވެރި ޝަރީއަތް ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. މީގެކުރިން ދައުލަތުން އެދިގެން އެބާވަތުގެ ބައެއް މައްސަލަތައް ގިނަ ބަޔަކަށް ޝަރީއަތް އަޑުއަހަން ވަދެވޭނެ ގޮތަށް ބާއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތިނެއް ނޮވެމްބަރު 1988ގައި ރާއްޖެ އަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ބޭއްވި ޝަރީއަތްތައް ވެސް ބާއްވާފައި ވަނީ އެ އުސޫލުން ކަމަށާއި އެހެންކަމުން ވީހާ ވެސް ގިނަ ބަޔަކަށް އަޑުއަހަން ވަދެވޭނެ ގޮތަށް އެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް އެދޭ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
އެ ވާހަކައާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ އޭހާރާއި މިހާރާ މުޅިން ތަފާތު ކަމަށެވެ. މިހާރު ބާއްވާ ޝަރީއަތުގެ މަޖިލީހަށް ރާއްޖޭގެ ހުރިހާ ނޫސް އެޖެންސީތަކަށް ވެސް ވަދެވޭ ކަމަށާއި އެހެންކަމުން ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ މިހާރު ވެސް ބާއްވާ ތަނުގައި ކަމަށް ގާޒީ ވިދާޅުވި އެވެ.
ނާޒިމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ހެކި ހޯދާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ އަމުރު ހޯދާފައި ވަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަލައި ފާސްކުރުމުގެ އަމުރު ތަންފީޒުކޮށްފައި ވަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށާއި އެކަންކަން ކްރިމިނަލް ކޯޓުގެ ޝަރީއަތުން ބެލޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
ގާޒީ ވިދާޅުވީ ބަލައި ފާސްކުރުމުގެ އަމުރު ބާތިލުކުރެވެން ނެތް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާކަން އެ ކޯޓުން ކޮށްފައިވާ ހުކުމުން އެނގޭ ކަމަށެވެ.
އެ މައްސަލައިގައި ތަހުގީގަށް ބަޔާންދީފައިވާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކޮށް، އެ ބަޔާންތައް ދީފައިވާތީ އެކަމުގެ ޝަކުވާ ވެސް މައުމޫން ހަމީދު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ހެކިބަސްދީފައި ވަނީ ކޮންބައެއްކަން ނޭނގޭތީ ދިފާއު ބިނާކުރަން އުނދަގޫވާނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ ހެކިބަސްދޭ މީހުންގެ މައުލޫމާތު ސިއްރުކުރުމަކީ މީގެ ކުރިން ވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި ނޫސްވެރިންނަށް ވެސް އެކަން އެނގޭނެ ކަމަށެވެ. އަދި ހައިކޯޓުގެ ގަޒިއްޔާއެއްގައި ވެސް ހެކީންގެ މައުލޫމާތު ސިއްރު ކުރެވިދާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ދައުވާ އަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން މައުމޫން ހަމީދު ވިދާޅުވީ، ޖަވާބުދާރީ ވެވޭނީ މައްސަލާގައި ހިމެނޭ ހުރިހާ ލިޔުންތައް ލިބުމުން ކަމަށެވެ. އަދި އެ ލިޔުންތައް ލިބުމުން ޖަވާބުދާރީވާން ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރެއިން ސިއްރުކުރަން އެދިފައިވާ ލިޔުންތައް ފިޔަވައި އެހެން ހުރިހާ ލިޔުންތައް ކޯޓުން ދޭނެ ކަމަށެވެ. އަދި ޖަވާބުދާރީވާން ތިން ދުވަހުގެ ފުރުސަތެއް ދެއްވައި އެކަން ގާޒީ ވަނީ މައުމޫން ހަމީދަށް އަންގާފަ އެވެ.