ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏަކުން 14 ކިލޯގެ ހުދަންބަރު މާވަހަރެއް ހޮވައިފި އެވެ.

"އަލި ވިދުވަރު" ނަމަކަށް ކިޔާ ފުވައްމުލަކު ދޯންޏަށް މާވަހަރު ފެނިފައި ވަނީ މީގެ ދެ ދުވަސް ވަރު ކުރިން ކ. ގާފަރާ ދިމާލުން ގާތްގަނޑަކަށް 40 މޭލު ބޭރުން ކަމަށް އެ ދޯނިން މައުލޫމާތު ދިން މީހަކު ބުންޏެވެ.

"ކަންނެލި މަސްވެރިކަމުގައި އުޅެނިކޮށް ދެފެން ދޭތެރެއަށް ވާކަހަލަ ގޮތަކަށް މާވަހަރު އޮއްވައި ފެނުނީ،" އަލި ވިދުވަރު ދޯނިން މައުލޫމާތު ދިން މީހަކު ބުންޏެވެ.

އަލި ވިދުވަރު ދޯނިން ހޮވި 14 ކިލޯގެ ހުދަންބަރު މާވަހަރު ------ ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ޖުމްލަ 18 މީހުން މަސައްކަތް ކުރާ އެ ދޯންޏަށް މާވަހަރު ފެނުމުން ނެޓު ޖަހައިގެން ދޯންޏަށް މާވަހަރު ނެގި ކަމަށާއި މާވަހަރު ގެނުމަށް ފަހު ފުޅިމަދު ފޮއްޓެއްގައި މާވަހަރު ބާއްވައިގެން މާލެއަށް އައީ މިއަދު ކަމަށް އެ ދޯނިން މައުލޫމާތު ހިއްސާކުރި މީހަކު ބުންޏެވެ.

އެ ދޯނީގައި މަސައްކަތް ކުރާ މީހުން މިހާރުން ދަނީ މާވަހަރު ގަންނާނެ ފަރާތެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ގަންނާނެ ފަރާތެއް ލިބުމުން އެންމެނަށް ހަމަހަމަވާ އުސޫލަކުން ފައިސާ ބަހާނެ ކަމަށް މާވަހަރު ހޮވި ދޯނިން މައުލޫމާތު ދިން މީހަކު ބުންޏެވެ.