02 Mar 2015, 16:08
ބަޣްދާދު (މާޗް 02) : އައިއެސް ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ އިރާގުގެ އުތުރުގެ ސަލާޙުއްދީން ގަވަނޭޓުން އެޖަމާއަތް ފައްސާލުމުގެ އަސްކަރީ އޮޕަރޭޝަން ފަށައިފިކަން އިރާގުގެ ބޮޑުވަޒީރު ޑރ. ޙައިދަރުލްއައްބާދީ އިޢްލާން ކުރައްވައިފި އެވެ.
އިރާގުގެ ސިފައިންގެ ލަޝްކަރުތަކުގެ އިސް ޖެނެރަލުންނާއި ކޮމާންޑަރުންނާ ބައްދަލުކުރެއްވުމަށް ފަހު އައްބާދީ ވިދާޅުވީ އައިއެސްގެ ކިބައިން ސަލާހުއްދީން ގަވަނޭޓް މިނިވަން ކުރުމަށް ފެށި ހަނގުރާމައިގާ އިރާގު ސިފައިންގެ އިތުރުން ސަރުކާރަށް ތާއީދުކުރާ ހަތިޔާރުއެޅި މިލީޝިޔާތަކުގެ ހަނގުރާމަވެރިން ވެސް ބައިވެރިވާ ކަމުގަ އެވެ. އެއްގަމާއި ވައިގެ މަގުން އައިއެސްއާ ދެކޮޅަށް ފެށި މި އޮޕަރޭޝަނަށް، އައިއެސްއާ އިދިކޮޅަށް އެމެރިކާ އުފައްދާފައިވާ އެލަންސުން ވެސް ވައިގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އައްބާދީ ވިދާޅުވި އެވެ.
އިރާގު ސިފައިންގެ މިއޮޕަރޭޝަންގެ ބޭނުމަކީ ސަލާހުއްދީން ގަވަރނޭޓް އައިއެސްގެ ކިބައިން މިނިވަންކުރުމެވެ. ސަލާޙުއްދީން ގަވަރނޭޓަކީ ސުންނީންގެ އަޣްލަބިއްޔަތު އޮންނަ ސަރަހައްދެކެވެ. ނަމަވެސް އެ ގަވަރނޭޓްގެ ސުންނީން ތިބީ އައިއެސް ގެ ކިބައިން ސަލާމަތްވާން ބޭނުންވެފައިކަމަށްވެ އެވެ. އަދި އައިއެސް ހަނގުރާމަވެރިން އަނިޔާވެރިކަން ހައްދުފަހަނަޅާފައިވާ އިރު އައިއެސްގެ ފިކުރާ އިދިކޮޅު ސުންނީ ވެސް އެ ޖަމާއަތުގެ ޝިކާރައަކަށް ވަމުންދާތީ އިރާގު ސިފައިންގެ މި އޮޕަރޭޝަނަށް، ސަލާހުއްދީން ސަރަހައްދުގެ ގަބީލާތަކުގެ އިސްވެރިންނާއި އާންމުންގެ އެހީތެރިކަން ލިބޭނެ ކަމަށް އިރާގު ސަރުކާރު ދެކެ އެވެ.
މިހަނގުރާމަ ކާމިޔާބުވެ ސަލާޙުއްދީން ގަވަރނޭޓް ގެ ހުރިހާ ސަރަހައްދަކުން އައިއެސްގެ ހަނގުރާމަވެރިން ކައިރި މުސްތަގްބަލެއްގައި ފައްސާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެ އިރާގުގެ ދިފާޢީ ވަޒީރު ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. ސަލާހުއްދީން ގަވަރނޭޓްގެ ބައެއް ސަރަހައްދުތަކުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލުމަށް މީގެކުރިން އިރާގު ސިފައިން ހިންގާފައިވާ އޮޕަރޭޝަންތައް ކާމިޔާބުވެފައެއް ނުވެ އެވެ.
އިރާގުގައިވާ އައިއެސްގެ އެންމެ ބޮޑެތި އަސްކަރީ އަދި އިދާރީ މަރުކަޒުތައް ހުރީ ސަލާހުއްދީން ގަވަރނޭޓްގަ އެވެ. އެހެންކަމުން އިރާގުގެ އެސަރަހައްދުން އައިއެސްގެ ވުޖޫދު ނައްތާލުމަކީ އުނދަގޫ ކަމެއްކަމަށް އަސްކަރީ ތަޖްރިބާކާރުން ބުނެ އެވެ. އައިއެސްގެ ވަކިތަކުން ސަލާހުއްދީން ގަވަނޭޓް މިނިވަން ކުރުމަށް އިރާގު ސިފައިން ފެށި ހަނގުރާމައިގާ ދެ ހާހެއްހާ ސިފައިންނާއި އަށް ސަތޭކައަށް ވުރެ ގިނަ މިލީޝިޔާ ހަނގުރާމަވެރިން ބައިވެރިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. (އަލްޖަޒީރާ)