02 Mar 2015, 16:05
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމްގެ މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިން އިހުމާލުވެފައިވާ ކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅައިފި އެވެ.
ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޖީ މުހުތާޒް މުހުސިން ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނާ މައްސަލަ އެޗްއާރްސީއެމް އިން ބަލައިގެންފައިވާ ކަމަށެވެ.
ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން އެޗްއާރްސީއެމް އަށް މި މައްސަލަ ހުށަހަޅާފައިވާ އިރު މިދިޔަ ހަފްތާގެ ތެރޭގައި ހަމަ މި މައްސަލަ އެފަރާތުން ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅާފަ އެވެ.
ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އިން ނާޒިމް އަށް ލިބިދީފައިވާ ހައްގުތަކާއި މިނިވަން ކަމަށް އުނިކަން އައިސްފައިވާ ކަމަށެވެ. އަދި ހަމައެއާ އެކު ގާނޫނު އަސާސީ އާއި ގާނޫނުތަކުން ކަނޑައަޅާފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ޕީޖީ އަމިއްލައަށް ދުރުހެލިވެ އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ.
ނާޒިމްގެ ގާނޫނީ ވަކީލުން އެޗްއާރްސީއެމަށާއި ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާ އިރު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަނގުރާމަވެރި ހަތިޔާރު ގެންގެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޕީޖީ އަށް އޭނާގެ ފަރާތުން ވަނީ އެދިވަޑައިގެންފަ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ނާޒިމްގެ ގެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު ކަމަށް ފުލުހުން ބުނުމާ ގުޅިގެން ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާ އުފުލުމަށް ފަހު އެވެ. އަދި ޝަރީއަތް ނިމެންދެން ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުނެރިފަ އެވެ.