މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޔޫތު ޗެލެންޖާއި ކިއްސަރު ފެއާ މި މަހު ބާއްވަން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ ޔޫތު ޗެލެންޖާއި ކިއްސަރު ފެއާ 2015 މި މަހުގެ 12 އިން 14 އަށް މާލޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ ފެއާ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 23:30 ހުޅުވާފައި ހުންނާނެ ކަމަށް ވެސް ޔޫތު މިނިސްޓްރީ އިނމމައުލޫމާތު ދެއެވެ.

ޔޫތު ޗެލެންޖް އަދި ކިއްސަރު ފެއަރ އަކީ 1999 ވަނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީން ބާއްވަމުން އަންނަ ފެއަރ އެކެވެ. އެ ފެއަރގެ މަގްސަދަކީ މަތީ ތައުލީމާއި މަސައްކަތުގެ މައިދާނުގައި ރާއްޖޭގެ ޒުވާނުންނަށް ހުރި ފުރުސަތުތަކާ ބެހެގޮތުން މައުލޫމާތު ފޯރު ކޮށްދިނުމެވެ.

މި އަހަރު ބާއްވާ ކިއްސަރު ފެއަރ އާއި ޔޫތު ޗެލެންޖްގެ ޝިއާރަކަށް ޔޫތު މިނިސްޓްރީން ކަނޑައަޅާފައި ވަނީ "ފޯ ޔޫތު އެންޓަޕްރަނިއަރސް އެންޑް ސޯޝަލް ޗޭންޖް އޭޖެންޓްސް"، ނުވަތަ "ޒުވާން ވިޔަފާރިއަށާއި އިޖުތިމާއީ ބަދުލުތައް ގެންނަން ބޭނުންވާ ޒުވާނުންނަށް" އެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިފަހަރުގެ ކިއްސަރު ފެއަރ އާއި ޔޫތު ޗެލެންޖްގެ މަގްސަދަކަށް ވާނީ، މިއަހަރުގެ ފެއަރައަށް ކަނޑައަޅާފައިވާ ޝިޔާރުގައި ވާފަދައިން، ވިޔަފާރިކުރަމުން ގެންދާ ޒުވާނުންގެ ވިޔަފާރިތަކާއި ވިޔަފާރީގެ ބާޒާރަށް ތަޢާރަފްކުރަން ބޭނުންވާ އައުއުފެއްދުންތައް ޕްރޮމޯޓްކުރުން ކަމަށެވެ.

ވިޔަފާރި ޕްރޮމޯޓް ކުރުމުގެ އިތުރުން މިއަހަރުގެ ފެއަރގައި ވިޔަފާރި އާއި މަސައްކަތުގެ ދާއިރާއިން ތަމްރީނު ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ދާއިރާގައި ހުރި އެޕްރެންޓިސްޝިޕާއި އިންޓަރންޝިޕް(ދަސްވާރު)ގެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދެވޭނެ ކަމަށްވެސް ޔޫތު މިނިސްޓްރީން މައުލޫމާތު ދިނެވެ.

އޭގެ އިތުރުން މިއަހަރުގެ ކިއްސަރު ފެއަރ އާއި ޔޫތު ޗެލެންޖްގައިވެސް ރާއްޖޭގައި ހުރި މަތީ ތައުލީމު ދޭ ކޮލެޖް ތަކާއި ޔުނިވާސިޓީތަކުގެ އިތުރުން، ވަޒީފާ އަދި ދަސްވާރު ޕްރޮގްރާމްތަކުގެ ފުރުޞަތު ހުރި ކުންފުނިތަކާއި، ޒުވާން ވިޔަފާރިވެރިންނާއި އުފެއްދުންތެރިން އަދި އިޖްތިމާޢީ ދާއިރާގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތައް ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓްރީ އިން ބުންޏެވެ.