02 Mar 2015, 15:07
އާ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާނަކީ ގާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށާއި އެކަމަށް ހުރަސް އެޅުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާއަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި ނުކުމެ ތިއްބެވި އިދިކޮޅު ފަރާތްތަކުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެއްވީ ގާނޫނު އަސާސީއާ ޚިލާފު އަމަލެއް ކަމަށެވެ.
"މިއަދުވެސް ފެނިވަޑައިގަތީ ގާނޫނުތަކާއި ގާނޫނު އަސާސީއާ މުޅިން ހިލާފު ކަމެއް. އެއީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަށް ރިޔާސީ ބަޔާން އިއްވުމަކީ ގާނޫނު އަސާސީން އެމަނިކުފާނަށް އެޅިފައިވާ ޒިންމާއެއް. އެމަނިކުފާނު އެ ބަޔާން ދެއްވަން ޖެހެނީ އެ މަނިކުފާނުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގެ ގޮތުން،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާއިރު އެކަމަށް ހުރަސް އެޅުއްވުމަކީ ޑިމޮކްރަސީއާ "ވަރަށް ބީރަށްޓެހި" އަމަލެއް ކަމަށެވެ.
"އެހެންނަމަވެސް އެ ބަޔާން ދެއްވުމަށް ދެކޮޅު ހެއްދުވުމަކީ އެންމެން ގަބޫލުފުޅު ކުރައްވާނެ އެއީ ގާނޫނާއި ގާނޫނު އަސާސީއާ މުޅިން ޚިލާފަލަށް ޑިމޮކްރަސީއާ ވަރަށް ބީރަށްޓެހި އަދި ވަރަށް ނާތަހުޒީބު އަމަލެއް،" ސިޔާމް ވިދާޅުވި އެވެ.
އެމްޑީއޭގެ ލީޑަރު ވިދާޅުވީ ޕީޕީއެމް-އެމްޑީއޭގެ ކޯލިޝަންގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަމްސީލް ކުރައްވަނީ ދިވެހިރާއްޖޭގެ 2،50000 ރައްޔިތުން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ވެރިކަން "ވައްޓާނުލެވޭނެ" ކަމަށް ސިޔާމް ވިދާޅުވިއެވެ.
"ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އަކީ ޕީޕީއެމްއާ އެމްޑީއޭގެ ކޯލިޝަންކަން ތިބޭފުޅުންނަށް އެނގިލައްވާނެ. އެއީ ދިވެހިރާއްޖޭގެ އާބާދީއަށް ބަލާލާއިރު 250000 މީހުންކަން ދަންނަންޖެހޭނެ. ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ގާނޫނީ ވެރިކަމެއްގެ ތެރެއިން ރައްޔިތުންނަށް ވަރަށް އޯގާތެރިކަމާ އެކު. މިވެރިކަމެއް ނުވެއްޓޭނެ، އިރާދަކުރެއްވިއްޔާ 5 އަހަރު ވަންދެން ހުންނާނެ،" ސިޔާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައި އަޑުގަދަކޮށް ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅާފައެވެ. އެހެންނަމަވެސް އެބޭފުޅުންގެ އަމަލުތަކަށް ބެއްލެވުމެއް ނެތި ރައީސް ޔާމީން ވަނީ ރިޔާސީ ބަޔާން އިއްވަވައި ނިންމަވާފައެވެ.