02 Mar 2015, 14:57
ރައީސް ޔާމީންގެ ކިބައިން ދެ ނިޝާނެއް ފެނިގެން ހިނގައްޖެ އެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ފެށިގެން ދިޔަ ޖަލްސާގައި ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަން ޖެހުނީ ގަޑުބަޑުކޮށްލާފައިވާ، ހަލަބޮލި މަޖިލީހެއްގަ އެވެ. ހުއްޓުމެއް ނެތި ރައީސް ޔާމީން ހަލުވި ކަމާ އެކު ބަޔާން އިއްވައި ނިންމާލީ ވަރަށް ހަމަޖެހިވަޑައިގެންނެވެ. ރިޔާސީ ބަޔާނަށް ފަހު ދެން ފެނިވަޑައިގަތީ ރައީސްގެ ފަރާތްޕުޅުން އާދަޔާ ހިލާފު އިޝާރާތެކެވެ. ކުރިން ފެންނަ މަންޒަރެއް ނޫނެވެ.
މަޖިލިސްގެ ރައީސް އަބްދުﷲ މަސީހު ރައީސް ޔާމީނަށް ޝުކުރު އަދާ ކުރައްވަމުން ގެންދިޔަ ވަގުތު ރައީސް ޔާމީންގެ ފަރާތްޕުޅުން ފުރަތަމަ ފެނުނު މަންޒަރަކީ ވަރަށް ރަނގަޅޭ ބުނަން ގިނަ މީހުން ބޭނުން ކުރާ ނިޝާނެއް ކަމަށްވާ "ތަމްއަޕް"ގެ ނިޝާން ބޭނުން ކުރެއްވި މަންޒަރެވެ. މާގިނައިރެއްނުވެ އެވެ. އަޑުގަދަ ކުރަން ތިބި އިދިކޮޅު ފަރާތްތަކަށް އެމަނިކުފާން އިޝާރާތް ކުރެއްވީ "ތަމްޑައުން" ގެ ނިޝާނެވެ.
އަޑުގަދަ އިދިކޮޅު ފަރާތްތަކުގެ ނުރުމުގެ އަޑުފަށްގަނޑާ އެކު 17:23 މިނެޓުގެ ރިޔާސީ ބަޔާން އިއްވައި ނިންމާލެއްވުމަށް ފަހު ރައީސް ޔާމީން ވަނީ ސަރުކާރު ހިނގާ ޕީޕީއެމްގެ މެމްބަރުންނަށް އިޝާރާތްކޮށް ތަރުހީބު ދެއްވާފަ އެވެ. އެގޮތުން ދެ އަތުގެ އިނގިލިތައް މަޅުއްވައި ބޮޑުވާއިނގިލި މައްޗަށް ހިއްލަވާލައްވައި "ބަރާބަރު" އޭ ބުނާ ބީދައިން އިޝާރާތް ކުރެއްވި އެވެ. އެގޮތުން 15 ފަހަރު ތަކުރާރުކޮށް "ތަމްއަޕް"ގެ އެ ނިޝާން ރައީސް ކުރެއްވި އެވެ.
ދެން އިޝާރާތް ކުރެއްވީ ހަތް ވަރަކަށް ފަހަރު "ތަމްޑައުން"ގެ ނިޝާނެވެ. އެ ނިޝާން އެމަނިކުފާ އަމާޒު ކުރެއްވި އިދިކޮޅު އެމްޑީޕީ އަދި ޖޭޕީގެ މަޖިލިސް މެމްބަރުންނާ ދިމާލަށެވެ. އެމަންޒަރު ބަލަން އެ ވަގުތު މަޖިލީހުގެ ގެލެރީތަކުގައި ބޭރުގެ ސަފީރުންނާއި ދައުލަރުގެ އިސްވެރިން ތިއްބެވި އެވެ.
މަޖިލިސް ދޫކުރައްވައި ވަޑައިގަންނަވަމުން އެމަނިކުފާން ކޮޅަށް ތެދުވުމަށް ފަހު ހުރިހާ މެމްބަރުންނަށް ހަނާ އަޅުއްވާލެއްވި އެވެ. އެއަށް ފަހު އަނެއްކާވެސް "ތަމްއަޕް" ގެ ނިޝާނާއި "ތަމްޑައުން"ގެ އިޝާރާތް ކުރެއްވި އެވެ.
ރައީސް ޔާމީންގެ އެ އިޝާރާތް މިއަދު މި ވަނީ ރިޔާސީ ބަޔާނަށް ވުރެ މުހިންމުވެފަ އެވެ. މުޅި ސޯޝަލް މީޑިއާގައި ފެތުރެމުން އަންނަނީ އެ ނިޝާނެވެ. "ތަމްޑައުން" ގެ ނިޝާން އިދިކޮޅު ފަރާތްތަކުން ސިފަ ކުރައްވަނީ "ހަރުކަށި"ކަމެވެ. ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން އެ ނިޝާން ސިފަކުރައް ވަނީ އެއީ ޓެރަރިޒަމާ ދެކޮޅަށް ރައީސް ދެއްކެވި ނިޝާނެ ގޮތުގަ އެވެ.
އެމްޑީޕީގެ ޕާލަމެންޓުރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ގޮތުގައި އެއީ "ޑިލީޓް ބަޓަން" ގެ ނިޝާން ކަމަށް ބައެއް ބޭބޭފުޅުން ވިދާޅުވާ ކަމަށާއި "ރައީސް ޔާމީން އެ ވިދާޅުވަނީ ކަންނޭނގޭ ފޮހެލާނަމޭ، އިރާދަކުރެއްވިއްޔާ އެކަމެއް ނުވާނެ." ކަމަށެވެ.
ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން ސޯޝަލް މީޑިއާގައި އެނިޝާން ސިފަކުރައްވާ ވިދާޅުވަމުން އަންނަނީ އެނިޝާނުގެ މާނައަކީ ހަމަނުޖެހުމާއި ޓެރަރިޒަމްގެ އަމަލުތަކާއި ނަފްރަތު އުފެއްދުމާއި ދެކޮޅުކަން ކަމަށެވެ.
އެ ނިޝާނާ ގުޅިގެން ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ "ތަމްޑައުން"ގެ ނިޝާނަކީ އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކަށް ހުރަސް ނޭޅުވުމަށް ދެއްވި ނަސޭހަތެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން މަތިކުރައްވާފައިވާ ޒިންމާއަށް ހުރަސްއެޅުމަށް މަސައްކަތް ކޮށްފައިވާތީ އެކަން ނުކުރެއްވުމަށް ކުރެއްވި ނަސޭހަތުގެ އިޝާރާތެއް އެކުރެއްވީ. އެއްވެސް ހާލަތެއްގައި މަލާމާތެއް ނޫން،" ރައީސްގެ ތަރުޖަމާން ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ، "ތަމްއަޕް"ގެ ނިޝާނުން ދައްކުވައި ދެނީ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާ އަދާކުރައްވަން ރައީސް ޔާމީން ފަސްޖެހިވަޑައިނުގަންނަވާނެ ކަމެވެ. ކޮންމެ އަކަސް ރައީސްގެ އެ އިޝަރާތް މި ވަނީ ވަރަށް ގަދަޔަށް ވައިގައި ހިފާފަ އެވެ. މުޅި ސޯޝަލް މީޑިއާގައި އެވާހަކައެވެ. އެމަނިކުފާން އިއްވެވި ރިޔާސީ ބަޔާނުގެ ވާހަކައެއް އެކަކު ވެސް ނުދައްކަވަ އެވެ. އެންމެންވެސް ދައްކަނީ "ތަމް ޑައުން" ގެ ނިޝާނުގެ ވާހަކަ އެވެ. އިދޮކޮޅު އެމްޑީޕީ އިން ސިފަކުރާގޮތުގައި އިޝާރާތަކީ ގައުމެއްގެ ވެރިއެއްގެ ކިބައިން ފެނިގެންވާނެ ފަދަ އަމަލެއް ނޫނެވެ.
ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޑިމޮކުރަސީގެ ގޮތުގައި މަޝްހޫރުވެފައިވާ އަދި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ރައީސް ކަމަށްވާ ބަރަކް އޮބާމާގެ ކިބައިންވެސް އެނިޝާނަކީ ގިނައިން ފެންނަ މަންޒަރެކެވެ. ގިނަ ފަހަރަށް ފެންނާނީ "ތަމްއަޕް"ގެ ނިޝާނެވެ. ނަމަވެސް ބައެއް ފަހަރު "ތަމްޑައުންގެ" ނިޝާނުން ވެސް އިޝަރާތް ކުރައްވާފައި އެބަހުއްޓެވެ. ދެހާސް ދިހަ ވަނަ އަހަރު އެމެރިކާ ރައްޔިތުންނާއި މުހާތަބްކޮށް ބަރަކް އޮބާމާ ދެއްވި ބަސްތީގަތުމެއްގައި "ތަމްޑައުން"ގެ އިޝަރާތް ބޭނުން ކުރެއްވުން އެގައުމުގެ މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް އެކަމަށް ގެނުވިއެވެ. އޭގެ އިތުރުން ވެސް ސިޔާސީ އެތައް ލީޑަރެއްގެ ފަރާތުން އެނިޝާން އެގޮތަށް ފެންނަން އެބަހުއްޓެވެ.