ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ރިޔާސީ ބަޔާން އިއްވަވާފައިވާތީ އެކަމުގެ އުފަލުގައި މިރޭ ހަވާއަރުވަން ޕީޕީއެމުން ނިންމައިފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވުމުގެ މުނާސަބަތުގައި މިރޭ 8:00 ގައި ރާޅުގަނޑުގައި ހަވާ އެރުވުން ކުރިއަށް ދާނެ ކަމަށެވެ.


މަޖިލީސް މިއަހަރުގެ ފުރަތަމަ ދައުރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަން ރައީސް ފެއްޓެވުމާ އެކު އިދިކޮޅު ފަރާތްތަކުން ވަނީ ރިޔާސީ ބަޔާނަށް ހުރަސް އެޅައި މަޖިލިސް ތެރޭގައި އަޑުގަދަކޮށްފަ އެވެ. އެހެންނަވެސް ރައީސް ޔާމީން ވަނީ ހުއްޓުމެއް ނެތި ރިޔާސީ ބަޔާން އިއްވަވައި ނިންމަވާލައްވައިފަ އެވެ.

ރައީސް ޔާމިނު ރިޔާސީ ބަޔާން އިއްވެވުމުގައި ސާބިތުވެ ހުއްނެވި ކަމަށް ވިދާޅުވެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދާއި، ޕީޕީއެމްގެ ރައީސް މައުމޫނު އަބދުލްގައްޔޫމު އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އިތުރުން ސަރުކާރުގެ ވެރިން ދަނީ ރައީސް ޔާމީނަށް މަރުހަބާ ދަންނަވަމުންނެވެ.