02 Mar 2015, 14:44
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބްރިގޭޑީއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުޙައްމަދު ދީދީ އަކީ ޓެރަރިސްޓެއް ނޫން ކަމަށާއި އެއީ ޓެރަރިސްޓުންގެ އަތްދަށުން ގައުމު ސަލާމަތްކުރި "ބަޠަލެއް" ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އެޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ، އިބްރާހިމް ދީދީގެ އިތުރުން އެހެން މީހުންގެ ވެސް މައްޗަށް "ޓެރަރިޒަމްގެ ނަމުގައި" އުފުލާފައިވާ ސިޔާސީ ދައުވާ ވަގުތުން ވަގުތަށް އަނބުރާ ގެންދަން ގޮވާލާ ކަމަށެވެ.
"ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި އެ ނާޒުކު ދަނޑިވަޅުގައި ސިފައިންގޭގެ ބަޑި ގުދަނުގެ ތަޅުދަނޑި ދިވެހިރާއްޖެއަށް ހަމަލާދެމުން ދިޔަ ޓެރަރިސްޓުންނާ ދެކޮޅަށް ފުރާނަ އަތްމައްޗަށް ލައިގެން ގެންދެވި ދިވެހިރާއްޖޭގެ ގައުމީ ބަތަލެއް އެއީ. އެއީ ސިޔާސީ މީހެއް ނޫން. އަދިވެސް އެއީ ޖެނެރަލް އެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ "ޕޮލިޓިކްސް ކުޅެން ވާނީ ޕޮލިޓިޝަނުންނާ" ކަމަށާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި އިބްރާހިމް ދީދީ ފަދަ ފަރާތްތައް ހައްޔަރުކޮށްފައި ވުމުން، ގައުމަށް އެފަދަ ބޮޑެތި ޚިދުމަތްތައް ކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރާ ގޮތްވެސް ވަރަށް ރަނގަޅަށް ފެންނަން އެބައޮތް ކަމަށެވެ.
އޭނާ ވިދާޅުވީ ޓެރަރިޒަމްގެ ނަމުގައި ބައެއް ސިޔާސީ ބޭފުޅުން ހައްޔަރުކޮށްފައިވުމުގެ ސަބަބުން ސަރުކާރާއި އިދިކޮޅު ފަރާތްތަކާމެދު އޮތް ގުޅުން ހީނަރުވަމުން އަންނަ ކަމަށެވެ. އަދި އެމްޑީޕީން ދެކޭގޮތުގައި އޭގެ ނަތީޖާ ހިތިވާނެ ކަމަށާއި އެކަން މިއަދު މަޖިލީހުން ވެސް ފެނިފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ އިބްރާހީމް މުހައްމަދު ދީދީ މިހާރު ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓުކޮށްފައެވެ. އޭނާ އެޑްމިޓްކޮށްފައި ވަނީ ހިތުގެ ފަރުވާ އަކަށެވެ.