02 Mar 2015, 14:33
ބ. ކަމަދޫ ކައުންސިލުގެ ރައީސް އަހުމަދު ސަމީރުގެ އިތުބާރުނެތް ކަމަށް ނިންމައި އޭނާ އެމަގާމުން ވަކިކޮށްފި އެވެ.
ކަމަދޫ ކައުންސިލުން ބުނީ އެ ކައުންސިލުގެ ރައީސް ސަމީރު މަގާމުން ވަކިކުރީ މިއަދު ނެގުނު އިތުބާރުނެތްކަމުގެ ވޯޓުގައި ބައިވެރިވި ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.
ސަމީރުގެ އިތުބާރުނެތްކަމަށް ބުނެ ކައުންސިލަށް މައްސަލަ ހުށަަހަޅާފައި ވަނީ ކައުންސިލު މެންބަރު ހަސަން ޒަރީރު އެވެ.
ކައުންސިލްގެ ރައީސްގެ އިތުބާރުނެތްކަމަށް ބުނެ ޒަރީރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ރޫޚާ އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހުމާލުވަމުންދާ ކަމަށް ފާހަގަކުރެވޭތީ އިތުބާރުނެތް ކަމުގެ ވޯޓު ނަގައިދިނުމަށެވެ.
" ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫންގެ ރޫޚާ އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހުމާލުވަމުންދާ ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވޭތީ ކައުންސިލް މެންބަރު ޢަލީ މަޢުސޫމް އަދި ކައުންސިލްގެ ނައިބް ރައީސް ޢަލީ އިސްމާޢީލްގެ ތާއިދާއިއެކު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު ސަމީރު، ރައީސް ކަމުގެ މަޤާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ކައުންސިލްގެ ހިންގާ ޤަވާއިދުގެ 9 މާއްދާގެ (ހ) ގެ ދަށުން ކައުންސިލްގެ ޖަލްސާއަކަށް އެޖެންޑާ ކޮށްދިނުމަށްއެދި ހުށަހެޅީމެވެ." ކައުންސިލު މެންބަރު ޒަރީރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.
ކަމަދޫ ކައުންސިލަށް މެންބަރެއް އިންތިހާބުު ކުރެވެންދެން ރައީސްގެ ޒިންމާތަށް ނައިބު ރައީސާއި ކައުންސިލުން ވަނީ ހަވާލުކުރައްވާފައެވެ.