ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖެއަށް 9.8 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ، ޓޫރިޒަމް އިންވެސްޓްމަންޓުތަކުގެ ތެރޭގައި ނުހިމެނޭ 24 އިންވެސްޓްމަންޓެއް ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ ކުރިއަށްއޮތް ފަސް އަހަރު ތެރޭގައި 9.8 ބިލިއަން ރުފިޔާ ރާއްޖޭގައި އިންވެސްޓް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ފަތުރުވެރިކަމުގައި ނުހިމެނޭ އިންވެސްޓުމަންޓުތަކުގައި ނުހިމެނޭ 24 އިންވެސްޓުމަންޓެއް މިހާތަނަށް ވަނީ ރަޖިސްޓަރީ ކުރެވިފައި. މި ނިސްބަތުން ކުރިއަށް އޮތް ފަސް އަހަރަށް ޖުމުލަ 9.8 ބިލިއަން ރުފިޔާ ދިވެހި ރާއްޖެގައި އިންވެސްޓު ކުރާނެ ކަމަށް ވަނީ ހުށަހަޅާފަައި. މިއީ ފާއިތުވެދިޔަ އަހަރަށް ބަލާއިރު 100 އަކުން 70 ގެ ކުރިއެރުމެއް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރާއްޖެއަށް ތަފާތު އިންވެސްޓްމަންޓުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި އެ އިންވެސްޓްމަންޓުތަކުގެ ސަބަބުން އެތައް ވަޒީފާއެއް އިތުރުވެ ގައުމަށް ފައިދާއެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތައް ލިބޭ އާމްދަނީ އިތުރު ކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ފަތުރުވެރިކަމަކީ ރާއްޖެއަށް އެންމެ މުހިންމު ދާއިރާއަށް ވުމުން އެދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދަނީ މަސައްކަތްތައް ކުރަމުން ކަމަށާއި އެގޮތުން ބައެއް މާކެޓުތަކުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވާތީ އެއަދަދު އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ހަމައެހެންމެ މެދު ފަންތީގެ ފަތުރުވެރިންނަށް ރާއްޖޭގެ ޓޫރިޒަމް އަމާޒު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރިސޯޓް ހެދުމަށް ރަށްތައް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެގްރިމެންޓާއި ހިލާފްވާ ފަރާތްތަކުގެ އެގްރިމެންޓު ބާތިލް ކުރަމުންދާ ކަމަށާއި މިއަހަރު ތެރޭގައި ރިސޯޓް ހަދަން 40 ރަށެއް ދޫކުރެވޭނެ ކަމަށްވެސް ރިޔާސީ ބާޔާނުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ސާފުބޯފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި 100 މިލިއަން ޑޮލަރުގެ ބޭރުގެ ލޯނު އެހީ މިހާރު ހަމަޖެހިފައިވާ ކަމަށާއި އެލޯނުގެ އެހީގެ 18 ރަށެއްގެ ނަރުދަމާ އާއި 21 ރަށުގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން 48 ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ގޮނޑުދޮށް ހިމާޔަތް ކުރަން ހަ ރަށެއްގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށާއި ހުސްނުވާ އާސަންދައިގެ ދަށުން ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ފަރާތްތަކަށް އާސަންދާގެ ދަށުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ރައީސް ޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސްޕޯޓްސް އެރީނާގެ މަސައްކަތުގެ ދަށުން 2000 މީހުންގެ އާބާދީގެ ރަށްތަކުގެ ތެރެއިން 36 ރަށެއްގައި ފުޓްބޯޅަ ދަނޑުތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނުނިމިހުރި ދަނޑުތަކުގެ މަސައްކަތް މިއަހަރު ނިންމާނެ ކަމަށެވެ. ކުޅިވަރުގެ ފޯރި ރާއްޖޭގައި އިތުރު ކުރުމަށް ކުޅިވަރުގެ ގާނޫނެއް މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި، މިއަހަރުގެތެރޭގައި ހުޅުމާލޭގައި 5000 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ފަށަން ހަމަޖެހިފާއިވާކަންވެސް ފާހަގަކުރެއްވި އެވެ.