މިއަދު މަޖިލިސް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވައި ދެއްވުމަށް ފަހު ވަޑައިގަންނަވަމުން "ދިއްކުރެއްވި އިނގިލި" އަށް އެމްޑީޕީން ފާޑުކިޔައިފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާމަން އަލީ ވަހީދު ވިދާޅުވީ "ރައީސުލް ޖުމްހޫރިއްޔާ މަޖިލީހުގައި އެ އިނގިލި ދިއްކުރުމުން އެއީ އެއްވެސް ރައްޔިތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.

"އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ކަންކުރައްވަން ޖެހޭނެ ގޮތެއް ނޫން. މަޖިލީހުގައި ރައީސް އެ އިނގިލި ދިއްކުރެއްވުމުން ހާމަވެގެން ދަނީ ސަރުކާރުގެ ފެންވަރު. އެއީ ރައްޔިތުންނަށް އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ މަންޒަރެއް ނޫން،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީވަހީދު ވިދާޅުވީ ރައީސް ދިއްކުރެއްވި އިނގިލިން ހާމަވެގެންދާ ކަމަކީ ސަރުކާރުގެ "ބޯކޮޅު އޮތީ ވަތަށް" ކަމަށެވެ. އަދި ވިދާޅުވީ އެއީ ހަމަޖެހިގެން އޮތް ސަރުކާރެއްގެ ވެރިއެއްގެ ފަރާތުން ފެނިގެންވާނެ ކަމެއް ނޫން ކަމަށާއި ރިޔާސީ ބަޔާނަށް ވުރެ ބޮޑަށް އެމަނިކުފާނުގެ އިނގިލިކޮޅުން ގައުމުގެ ހާލަތު އޮތްގޮތް އެނގިގެންދާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިއަދު ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނު އެ ބައްޑުންކުރެއްވި ޝުއޫރުތައް އެމަނިކުފާނު ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅުނުކުރައްވައިފިއްޔާ އެއަށް ވުރެ މާ ބޮޑަތި ޝުއޫރުތައް އެމަނިކުފާނުގެ ކެބިނެޓުން ވެސް ބަންޑުންވެގެންދާނެ ކަމަށް. އެހެންވީމާ ދަށަށް އޮތް އިނގިލި ނަގާ މައްޗަށް ނެންގެވުން ވެސް އެއީ އެމަނިކުފާނުގެ އަތްޕުޅުމަތީގައި އޮތް ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

މިއަދު ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު އެމްޑީޕީ އާއި ޖޭޕީގެ މެންބަރުން ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އަދި ސަރުކާރު ހިންގާ ޕީޕީއެމްގެ މެންބަރުން އިދިކޮޅު މެންބަރުންނާ އިދިކޮޅަށް އަޑު އުފުލި އިރު އެ ހަލަބޮލިކަމުގެ ތެރޭގައި ރައީސް ޔާމީން ވަނީ ރިޔާސީ ބަޔާން އިއްވަވާފަ އެވެ.