02 Mar 2015, 13:20
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ރިޔާސީ ބަޔާން އިއްވައި ނިންމަވައިލެއްވުމަށް ފަހު އަތުގެ ބޮޑުވައި އިނގިލި ތިރިކުރައްވައި ދެއްކެވި "ތަމްޑައުން" ނިޝާނަކީ އިދިކޮޅު ފަރާތްތަކަށް ދެއްވި ނަސޭހަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ވިދާޅުވެއްޖެ އެވެ.
އެނިޝާނާއި ގުޅިގެން ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ "ތަމްޑައުން"ގެ ނިޝާނަކީ އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކަށް ހުރަސް ނޭޅުވުމަށް ދެއްވި ނަސޭހަތެއް ކަމަށެވެ.
" ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން މަތިކުރައްވާފައިވާ ޒިންމާއަށް ހުރަސްއެޅުމަށް މަސައްކަތް ކޮށްފައިވާތީ އެކަން ނުކުރެއްވުމަށް ކުރެއްވި ނަސޭހަތުގެ އިޝާރާތެއް އެކުރެއްވީ. އެއްވެސް ހާލަތެއްގައި މަލާމާތެއް ނޫން،" ރައީސްގެ ތަރުޖަމާން ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ، "ތަމްއަޕް"ގެ ނިޝާނުން ދައްކުވައިދެނީ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާ އަދާކުރައްވަން ރައީސް ޔާމީން ފަސްޖެހިވަޑައިނުގަންނަވާނެ ކަމެވެ.
ރިޔާސީ ބަޔާން އިއްވުމަށް ފަހު "ތަމްއަޕް" އާއި "ތަމްޑައުން"ގެ ނިޝާނުން މަޖިލިސް މެމްބަރުންނަށް ރައީސް ޔާމީން އިޝާރާތް ކުރެއްވުމުން އެތައް ބަޔަކު ދަނީ އެތައް ގޮތަކަށް އެނިޝާން ސިފަކުރަމުންނެވެ. މުޅި ސޯޝަލް މީޑިއާގައި އޮތީވެސް ހަމަ އެވާހަކައެވެ.
އިދިކޮޅު ފަރާތްތަކުން އެނިޝާން "އަނިޔާވެރި" ގޮތަކަށް ސިފަކުރާއިރު ސަރުކާރުން ސިފަކުރަނީ ނަސޭހަތެއްގެ ގޮތުގައެވެ.