02 Mar 2015, 12:44
އެމެރިކާގެ މަގެއްގެ މަތީގައި އެގައުމުގެ ފުލުހުން އަނެއްކާ ވެސް އާއްމުންގެ މީހަކު ގަތުލުކޮށްފި އެވެ.
އެމެރިކާގެ ލޮސް އެންޖަލިސްގެ މަގެއްގެ މަތީގައި ހުރި ގެދޮރު ނެތް މީހަކު ހައްޔަރު ކުރުމަށް މަސައްކަތް ކުރުމަށް ފަހު، އޭނާގެ ގަޔަށް ފުލުހުން ބަޑިޖަހައި މަރާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އެންތަނީ ބްލެކްބާން ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ހިއްސާކޮށްފައިވާ އެ ވީޑިއޯ އިން ފެންނަ ގޮތުން ފުލުހުން އޭނާގެ ގަޔަށް ފަސް ފަހަރު ބަޑި ޖަހާފައި ވަނީ އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކޮށް އެމީހުންގެ ބާރުގެ ދަށަށް އޭނާ ގެނައުމަށް ފަހުގަ އެވެ.
އެ ހާދިސާއާ ބެހޭ ގޮތުން ބީބީސީ އިން ލޮސް އެންޖަލިސް ފުލުހުންގެ ތަރުޖަމާނާ ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ ވައްކަމުގެ މައްސަލައެއް ރިޕޯޓް ކުރުމުން ފުލުހުން އެކަމަށް އިޖާބަ ދިން ކަމަށެވެ. ނަމަވެސް އެކަމަށް ނުކުތީ ކިތައް ފުލުހުން ކަމެއް އޭނާ ނުބުނާ ކަމަށް ބީބީސީ އިން ބުންޏެވެ. ބީބީސީގެ ހަބަރުގައި ބުނެފައި ވަނީ ހާދިސާ ހިނގި ގޮތް ވީޑިއޯ އިން އޮޅުން ނުފިލާ ކަމަށެވެ. އަދި ބުނެފައި ވަނީ އޭނާ އަތުގައި ހަތިޔާރެއް އޮތް ނަމަ ފުލުހުންނަށް ހަތިޔާރު ބޭނުން ކުރެވޭނެ ކަމަށެވެ.