ޅަދުވަހުން ފެށިގެން "ވަރަށް ހާލުގައި" ދިރިއުޅެމުންދާ ލ. ފޮނަދޫ ކުރިގަމު އަވަށު ބޮޑުރުއްދަށުގޭ 81 އަހަރުގެ އަހުމަދު މުހައްމަދަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު މިއަދު ސަން އަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އަހުމަދު މުހައްމަދަށް ޕާރުސަލެއްގައި ފޮނުވި ތަކެތި އިއްޔެ އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެތަކެތި ލިބުމުން އޭނާ ހުރީ "އުފާވެފައި" ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އަހުމަދު އަދި ވެސް ދިރިއުޅެމުން ދަނީ ކުރީ ޒަމާނުގެ އެގޭގައި ކަމަށެވެ. އޭނާގެ ދިރިއުޅުމަށް މާކަ ބޮޑު ބަދަލުތަކެއް ނާންނަ ކަމެވެ. އޭނާގެ މައްސަލަ ޖެންޑާ އާއި ހިއުމަންރައިޓްސް އިން ދަނީ ބަލަމުން ކަމަށާއި އެކަމާ ގުޅުން ހުރި މައުލޫމާތުތައް ކައުންސިލް އިން ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާ ދަރުމަވެރިވާށޭގެ އިސްވެރިޔާ އަދި ޑިސްއެބިލިޓީ އެމްބެސަޑަރު އަހުމަދު ހިޝާން ވިދާޅުވީ އަހުމަދު މުހައްމަދަށް އެހީވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އޭނާ އަށް މިހާރުން މިހާރަށް ބޭނުންވާ ބައެއް ތަކެތި އޭނާއާ މިހާރު ހަވާލުކޮށްފައިވާނެ ކަމަށް ހިޝާން ވިދާޅުވި އެވެ.

"ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އަންގަވާފައި ވަނީ އަހުމަދަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް. އެހެންކަމުން މިހާރުން މިހާރަށް އޭނާ އަށް ބޭނުންވާތަކެއްޗާއި ފައިސާ ވެސް ވާނީ ހަވާލުކުރެވިފައި." ހިޝާން ވިދާޅުވި އެވެ.

އަހުމަދު މުހައްމަދަކީ ވާހަކަދެއްކުމާއި އަޑުއިވުމުން މަހުރޫމް ވެފައިވާ މަންމަނެކެވެ. އޭނާ ދިރިއުޅެމުން އަންނަނީ ބައު ޖިފުޑިގަނޑެއްގައި އެކަނިމާ އެކަންޔެވެ. އޭނާ އަށް އެހީތެރިވާނެ މާ ގިނަ ބަޔަކު ނުތިބޭ އިރު އެރަށު ބައެއް މީހުން އޭނާ އަށް ބައެއްކަހަލަ ގޯނާ ކުރަމުންދާކަން ސަން އަށް ވަނީ އެނގިފަ އެވެ.

އަހުމަދަށް ރައީސްޖުމްހޫރިއްޔާގެ އެހީތެރިކަން ވެ ދެއްވާފައިވާއިރު އަހުމަދުގެ ހާލަތު ބަޔާންކޮށް ސަރުކާރާއި ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކައި ސަން އޮންލައިންއިން ވަނީ މިދިޔަ މަހު 22 ވަނަ ދުވަހު ހާއްސަ ރިޕޯޓެއް ގެނެސްދީފައެވެ.