ސްޕެނިޝް ލީގުގައި ރޭ ވިލަރެއާލް އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު ވުމުން، ތާވަލްގެ ދެވަނައިގައި އޮތް ބާސެލޯނާ، ލީގު ކާމިޔާބު ކުރުމަށް ކުރަމުންދާ އުންމީދުތައް އާ ވެއްޖެ އެވެ.

ރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ރެއާލްއަށް ތާވަލްގައި މިހާރު ލިބިފައި ވަނީ ދެ ޕޮއިންޓުގެ ލީޑެކެވެ. މުޅިއެކު 61 ޕޮއިންޓާއެކު އެ ޓީމް އަދިވެސް ތާވަލް ލީޑު ކުރަމުން ދިޔަ ނަމަވެސް، ތާވަލްގެ ދެވަނައިގައި ބާސާ އޮތީ 59 ޕޮއިންޓާއެކު އެވެ.

މިދިޔަ މަހުގެ 21 ގައި މަލާގާ އަތުން ބާސާ ބަލިވުމުން، ރެއާލް ވަނީ ތާވަލްގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ނަމަވެސް ރޭގެ ނަތީޖާއާއެކު ބާސާއަށް ވަނީ އަނެއްކާވެސް ލީގުގައި ރެއާލްގެ މައްޗަށް ކުރި ހޯދުމުގެ ފުރުސަތު ތަނަވަސް ވެފައެވެ.

ރޭ ވިލަރެއާލްއާ ދެކޮޅަށް ކުޅުނު މެޗު ޑޮމިނޭޓް ކުރަމުން ދިޔައީ ރެއާލް މެޑްރިޑެވެ. އަދި އެ ޓީމް ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދިޔަނަމަވެސް، ވިލަރެއާލްގެ ޑިފެންސް ވަނީ އެ ޓީމްގެ ހަމަލާތައް ހިތްވަރާއެކު ދިފާއު ކޮށްފައެވެ. އަމިއްލަ ދަނޑުގައި މެޗު ކުޅެމުން ދިޔަ ރެއާލް ފުރަތަމަ ހާފް ނިންމާލަން ޖެހުނީ 0-0 ގެ ނަތީޖާއަކުން ނެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފް ފެށިތާ ހަތްވަނަ މިނެޓުގައެވެ. ވިލަރެއާލްގެ ޑިފެންޑަރު ބެއިލީ ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، މެޗުގެ ލީޑު ރެއާލްއަށް ހޯދަދިނީ ރޮނާލްޑޯ އެވެ.

ލީޑު ނެގިތާ ދެ މިނެޓު ފަހުން ބޭލް ދިން ޕާހަކުން ރޮނާލްޑޯއަށް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައިރު، އެ ހަމަލާ ހުށިޔާރު ކަމާއެކު ދިފާއު ކުރީ ވިލަރެއާލްގެ ކީޕަރު އަސެންޖޯ އެވެ.

ނަތީޖާ ހަމަހަމަކުރަން ވިލަރެއާލް ކުރަމުން ދިޔަ މަސައްކަތުގައި، މެޗުގެ 59 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އެ ޓީމްގެ ޔައުމޭއަށް ރަނގަޅު ފުރުސަތެއް ލިބިފައި ވާއިރު، އޭނާ ފޮނުވާލި ޝޮޓު ދިޔައީ ގޯލާ އަމާޒު ނުވެއެވެ. ވިލަރެއާލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ 62 ވަނަ މިނެޓުގައި ކުޅެން އެރި ލޫސިއާނޯ ވިއެއްޓޯގެ އެހީއާއެކު، 64 ވަނަ މިނެޓުގައި ޖެރާޑް މޮރީނޯ ކާމިޔާބުކުރި ލަނޑުންނެވެ.

ނަތީޖާ ހަމަހަމަ ވުމުން ލީޑު ހޯދަން ރެއާލް ކުރިއަށް ޖެހިލިއިރު، އެ ޓީމްގެ ފޯވާޑް ލައިނުގައި މަސައްކަތް ކުރަމުން ދިޔަ ރޮނާލްޑޯ އާއި ބޭލްގެ ނުރައްކާތެރި ހަމަލާތަކުގެ ހުރަހަކަށް ވީ ވިލަރެއާލްގެ ކީޕަރު އަސެންޖޯ އެވެ. އަދި ކައުންޓާގައި ވިލަރެއާލްގެ ވިއެއްޓޯ ރެއާލްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް، މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުފެނި އެވެ.